މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް ބޮޑު ތަފާތަކުން ކުރިހޯއްދަވައި، ގޮނޑި ދިފާއުކުރައްވައިފިއެވެ.
މިހާތަނަށް ގުނާ ނިމިފައިވާ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓުލީ މީހުންގެ 43 އިންސައްތައަށްވުރެ ގިނަ ވޯޓު އާޒިމް ވަނީ ކާމިޔާބުކުރައްވާފައެވެ.
މި އިންތިޚާބުގައި އާޒިމާ އެންމެ ގާތުން ވާދަކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި މޫސާ އަލީ ޖަލީލަށް ލިބިވަޑައިގެންފައިވަނީ ވޯޓުގެ 28 އިންސައްތައެވެ.
މީގެ އިތުރުން، އަމިއްލަ ގޮތުން މި އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު ވަނީ ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައެވެ. ނަތީޖާތަކުން ދައްކާގޮތުގައި ޒަރިޔަންދަށް ލިބިވަޑައިގަތީ ވޯޓުގެ 23 އިންސައްތައެވެ.
މިއަދު ބޭއްވުނު މި އިންތިޚާބުގެ ވަގުތީ ނަތީޖާތައް އަދިވެސް އަންނަނީ ލިބެމުންނެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، އާޒިމް ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަން ކަށަވަރު ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު