މިއަދު ކުރިޔަށްދިޔަ އިންތިޚާބާ ގުޅިގެން 40 އަކަށް ޝަކުވާ ހުށަހެޅިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ގިނައީ އިދާރީ ކަންކަމާ ގުޅޭ ޝަކުވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ދާއިރާ ނޫން ދާއިރާގެ ވޯޓު ކަރުދާސް ދޫކުރުމާއި، ރީ-ރެޖިސްޓްރީ ނުވެ ވޯޓާސް ލިސްޓުން ނަން ނެތުމާއި، ވޯޓުލުުން ނިމުމަށްފަހުވެސް ކެންޑިޑޭޓުން ވޯޓުލާ މަރުކަޒު ކައިރީގައި މަޑުކޮށްތިބުމުގެ މައްސަލަ ތަކެވެ. ބައެއް މަރުކަޒުތަކުގައި ވޯޓަރުންނާއި އޮފިޝަލުންނާ ދެމެދު ހިތްހަމަ ނުޖެހިގެން ހަރުކަށިކޮށް ވާހަކަ ދެކެވުނު ކަމުގެ ޝަކުވާތަކެއްވެސް ލިބިފައިވެ އެވެ.
ނަމަވެސް ނަތީޖާއަށް ބަދަލު އައިސްދާނެ ޝަކުވާއެއް އަދި ފާހަގަ ނުވާ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ. އެކަން ކަށަވަރު ވާނީ ވޯޓު ގުނައި ނަތީޖާ ލިބުމުން ކަމަށެވެ.
ވޯޓުލުން ހެނދުނު 8:00 ން ހަވީރު 4:00 ށް ކުރިއަށް ގެންދަން ހަމަޖެހިފައި އޮތް ނަމަވެސް، ހޫނުގަދަ ކަމުން ގިނަ ބަޔަކު ވޯޓުލާން ނިކުތީ ހަވީރު ގަޑީގަ އެވެ. ކިއޫތައް ދިގުވުމާ ގުޅިގެން، ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ވޯޓުލުމުގެ ވަގުތު 5:00 ށް ވަނީ އިތުރުކޮށްދީފަ އެވެ. މިހާރު ވޯޓު ފޮށިތައް ބަންދުކޮށް، ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި އެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،876 މީހުންނަށެވެ. އޭގެ ތެރޭގައި 150،370 ފިރިހެނުންނާއި 144،506 އަންހެނުން ހިމެނެ އެވެ.
ކިޔުންތެރިންގެ ހިޔާލު