ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ބޭރު ފައިސާގެ ޤާނޫނު ތަންފީޒުކުރުމުގެ ނަތީޖާއަކީ ސޫކޫކު ފަދަ ސަރުކާރުގެ ދަރަނިތައް ދެއްކުމުގައި އެހީތެރިކަން ލިބުނުކަމެއް ކަމުގައި މަރުކަޒީ ބޭންކުން ބުނެފިއެވެ.
މަރުކަޒީ ބޭންކުން މިހެން ބުނީ 2021ވަނަ އަހަރު ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އޭގެ ކޫޕަން ޕޭމަންޓަށް ވާ ޖުމުލަ 524.68 މިލިޔަން ޑޮލަރު، ސަރުކާރުގެ ފިސްކަލް އެޖެންޓުގެ ހައިސިއްޔަތުން ދައްކައި ޚަލާސްކުރުމާ ގުޅިގެންނެވެ. އެމްއެމްއޭއިން ބުނީ ސުކޫކަށް ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވަނީ ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރި ފައިސާގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ޤާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އެސްޑީއެފް ބޭނުންކޮށްގެންނެވެ. މި ފައިސާ ދައްކާފައިވަނީ މިމަހުގެ 2ވަަނަ ދުވަހުއެވެ.
އެމްއެމްއޭއިން ބުނީ ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށާއި ބޭރު ފައިސާގެ ލިކިއުޑިޓީ އިތުރުކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ވަނީ ތަންފީޒުކުރަން ފަށާފައެވެ. އެގޮތުން، 2024 ވަނަ އަހަރު ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ކުރިއަށްވުރެ ހަރުދަނާވެ، ދައުލަތުން އަދާކުރަންޖެހޭ ދަރަނިތައް ދެއްކުމުގައި މުހިއްމު ކުރިއެރުންތަކެއް ލިބުމެވެ.
ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމާއި މިކަމާ ގުޅޭ އެހެނިހެން އިސްތިރާޖީ ރިފޯމްސްތައް ތަންފީޒުކުރެވިފައިވަނީ ދިވެހި ސަރުކާރާއި ދައުލަތުގެ އެއްމެހައި އިދާރާތަކާއި އެމްއެމްއޭއާ ގުޅިގެން ކުރެވުނު މުޙިއްމު މަސައްކަތްތަކުން ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ. އެމްއެމްއޭއިން ބުނީ ކުރިއަށް އޮތްތާގައިވެސް މަސައްކަތްކުރަމުން ދާނީ ސަރުކާރާއި ދައުލަތުގެ އެއްމެހައި އިދާރާތަކުގެ އެއްބާރުލުމާއެކު، ދައުލަތުގެ ރިޒާވު އިތުރަށް ވަރުގަދަކުރުމަށްޓަކައި އެކުލަވާލަންޖެހޭ އެންމެހައި ސިޔާސަތުތައް ރާވައި ތަންފީޒުކުރުމުގައި ކަމަށެވެ.
މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ “ސަނީ ސައިޑް” ބޮންޑު އަދާކުރުމަށް ވިއްކި ސުކޫކެކެވެ. ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިގުތިސާދަށް ބުރަ ނުވާނެ ގޮތަށް ދަރަނި އަދާކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. އޭގެ ތެރޭގައި އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓަށް ގެނައި ބަދަލުތައް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު