މާލޭގެ ދެ ތަނެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފުލުހުން ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި އެޕްރީލް މަހުގެ އެއްވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ތަނެއް ވަނީ ބަލައިފާސްކޮށްފައެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި މިއީ މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި މެދުނުކެނޑި ހިންގަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދ. މީދޫ ހަނީސީޒަން މުޙައްމަދު މާހިރު (36އ) އާއި، ސ. ހުޅުދޫ ސޯސަން ޢަލީ އީޝާދު (32އ) އާއި، ގ. ކަނދުމާގެއާގެ އާހިލް ޢަލީ (23އ) އާއި، ގދ. ތިނަދޫ ފައިވްރޯސް ރިކްޒު އާދަމް (23އ) ގެ އިތުރުން ޅ. ހިންނަވަރު ދުންތަރި މުޙައްމަދު ސުހާން އަޙްމަދު (39އ) އަދި ލ. ގަން މުކުރިމަގު މަތަރެސްމާގެ ޢަބްދުލްމާޖިދު އިބްރާހީމް (38އ) އެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އީޝާދު، މާހިރު، މާޖިދު އަދި ސުހާން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އާހިލް 12 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާއިރު، ރިކްޒު ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު