އީރާނުގެ ބްރިޖްތަކަށް ހަމަލާދީ ގޮއްވާލުން އަދި އޮތީ ކުރިއަށް ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ކޮށްފިއެވެ.
ޓްރަމްޕް މިކަމަށް އިންޒާރު ކޮށްފައިވަނީ، އީރާނުގައި ހަދާފައިވާ އެންމެ ބޮޑު ބްރިޖަށް އެމެރިކާ ސިފައިން ބޮންއަޅައި ހަލާކުކޮށްލުމާ ގުޅިގެން ދުނިޔޭގެ އެތައް ބައެއްގެ ނުރުހުމާއި ފާޑުކިއުން އަމާޒުވަމުން ދަނިކޮށެވެ.
ޓްރަމްޕް އޭނާގެ އަމިއްލަ ޓުރުތު ޝޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، އީރާނުގެ އިންފްރާސްޓްރަކްޗަރއިން ހަލާކުނުކުރެވި ބާކީ ހުރި ތަންތަން ނައްތާލަން އަދި ނުވެސް ފެށޭ ކަމަށެވެ.
ޓްރަމްޕް ބުނީ، އެމެރިކާ ސިފައިން ދެން ހަމަލާދީ ހަލާކުކުރަން ފަށާނީ އީރާނުގެ ބްރިޖްތައް ކަމަށެވެ. އޭގެފަހުން ހަމަލާތައް ދޭން ފަށާނީ އީރާނުގެ އިންޖީނުގެތަކަށް ކަމަށްވެސް ޓްރަމްޕް އިންޒާރުކޮށްފައި ވެއެވެ.
މަދަނީން ބޭނުންކުރާ އީރާނުގެ ބީ1 ބްރިޖަށް އެމެރިކާ ސިފައިން ދިން ޓެރަރިސްޓު ހަމަލާތަކުގައި 18 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވި ކަމަށް އީރާނުން ބުނެފައިވާއިރު، މަރުވި އެންމެނަކީވެސް އާންމު ރައްޔިތުންނެވެ. އޭގެ ތެރޭގައި ބްރިޖްގައި މަސައްކަތް ކުރާ މީހުންވެސް ހިމެނެއެވެ. އެއީ އަދި ހަދައި މުޅިން ނުވެސް ނިމޭ ބްރިޖެކެވެ.
އެމެރިކާ ސިފައިން ބްރިޖަށް ފުރަތަމަ ދިން ހަމަލާގައި މަރުވީ 2 މީހުންނެވެ. ދެވަނަ ހަމަލާ ދީފައިވަނީ ރެސްކިއު ޓީމުތަކާއި އެމްބިއުލެންސްތައް ގޮސް ހަރަކާތްތެރި ވަނިކޮށެވެ. އެހެންކަމުން ދެން މަރުވި މީހުންގެ ތެރޭގައި، މީހުން ސަލާމަތް ކުރަން އައި ޓީމުތަކުގެ މީހުންވެސް ހިމެނެއެވެ.
އެ ބްރިޖަށް ބޮންއަޅާ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިގައި ޕޯސްޓްކުރުމަށްފަހު ޓްރަމްޕް އީރާނުގެ ވެރިންނަށް އިންޒާރު ކޮށްފައިވަނީ އެއްބަސްވުމެއް ހެދުމަށާއި، ނޫންނަމަ މިފަދަ އިތުރު ހަމަލާތައް އަންނާނޭ ކަމަށެވެ.
ދުނިޔޭގެ ފާޑުކިއުންތައް އަމާޒުވުމުން އެމެރިކާގެ އޮފިޝަލުން ބުނަމުންގެންދަނީ ބްރިޖަށް ހަމަލާދިނީ، އައިއާރްޖީސީން މިސައިލާއި ޑްރޯންތައް އުފުލަން އެ ބްރިޖް ބޭނުންކުރާތީ ކަމަށެވެ.
އެކަމަކު، އީރާނުގެ ހުރިހާ ބްރިޖަކަށް އެމެރިކާއިން ހަމަލާދޭން ފަށާނޭ ކަމަށް ޓްރަމްޕް މިވަނީ އިންޒާރު ކޮށްފައެވެ.
ހަމަލާ ދޭނޭ ކަމަށް އިންޒާރު ކުރަމުން ފަޚުރުވެކަމާއި ބޮޑާކަމާއެކު ޓްރަމްޕް ބުނެފައިވަނީ، އެމެރިކާގެ އަސްކަރިއްޔާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު