މަޖީދީމަގުން ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މައްސަލައިގައި ހޯދަމުންދިޔަ މީހާ، އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.
ފުލުހުން ވަނީ އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެ މީހާ ހޯދުމަށް އެހީތެރިވުމަށް އެދި އިއްޔެ ވީޑިއޯއެއް އާއްމު ކޮށްފައެވެ.
އެ މީހާ ރޭގެ ވަގުތެއްގައި އަމިއްލައަށް އިސްވެ ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ފުލުހުން ކުރި ސުވާލުތަކަށް އޭނާ ޖަވާބުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި އޭނާ ހައްޔަރެއް ނުކުރެއެވެ. އެކަމަކު މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މަޖީދީމަގު، އަތަމާ ޕެލަސް ކައިރިންނެވެ. ފުލުހުން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ކަފިހިހުރަސް ކައިރިން އަންހެނަކު މަގު ހުރަސްކުރަނިކޮށް، ކަޅުކުލައިގެ އެއާބްލޭޑް ސައިކަލަކުން ވަނީ އެ މީހާގެ ގައިގައި ޖެހިފައެވެ. މި އެކްސިޑެންޓުގެ ސަބަބުން އެ އަންހެން މީހާ މަގުމައްޗަށް ވެއްޓުނު ނަމަވެސް، ސައިކަލު ދުއްވަން އިން މީހާ މަޑުކުރުމެއް ނެތި ދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
ކިޔުންތެރިންގެ ހިޔާލު