އެމެރިކާ ސިފައިން އީރާނުގައި “ބޮޑެތި ކާމިޔާބީތަކެއް” ހޯދާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އެމެރިކާގެ ރައީސް މިހެން ބުނެފައިވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކަމުންނެވެ.
ޓްރަމްޕް ބުނީ، ވޭތުވެދިޔަ ހަތަރު ހަފްތާ ތެރޭގައި އެމެރިކާ ސިފައިން ހަނގުރާމައިގެ މައިދާނުގައި އަވަސް އަދި ފުރިހަމަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.
އީރާނުގެ ކަނޑުގެ ސިފައިންގެ ލަޝްކަރު ނައްތާލެވިފައިވާ ކަމަށާއި އީރާނު އަސްކަރިއްޔާ ފުނޑުފުނޑު ކޮށްލެވިފައިވާ ކަމަށާއި، އީރާނުގެ ގިނަ ވެރިން އަވަހާރަ ކޮށްލެވިއްޖެ ކަމަށާއި، މިސައިލާއި ޑްރޯން ހަމަލާތައް ދިނުމުގެ ގާބިލްކަންވެސް މަޑުޖެއްސުވިފައިވާ ކަމަށެވެ.
މިސައިލް ހަމަލާތައް ފޮނުވާލާ ލޯންޗަރސްއަށް ކުދިކުދިކޮށްލެވިއްޖެ ކަމަށާއި، ހަލާކުނުކުރެވި ބާކީ ހުރީ “ވަރަށް މަދު” އެއްޗެއް ކަމަށް ޓްރަމްޕް ބުންޏެވެ.
ޓްރަމްޕް ބުނީ، އީރާނަށް ހަމަލާދީގެން އެމެރިކާއިން ހާސިލްކުރަން ކަނޑައެޅި މަގްސަދުތައް ފުރިހަމައަށް ހާސިލްވުމާ ވަރަށް ގާތަށް އާދެވިފައިވާ ކަމަށެވެ. އީރާނުގެ މައްޗަށް ކާމިޔާބީތައް ހޯދުމުގައި މެދުއިރުމަތީގެ ގައުމުތަކުން ވެދެމުން ގެންދާ އެހީތެރިކަމަށް ޓްރަމްޕް ޝުކުރު އަދާކުރިއެވެ.
ޓްރަމްޕްގެ ތަގްރީރުގައި ހާމަކުރި ޝުކުރުގެ ލިސްޓުގައި ކިޔާފައިވަނީ އިސްރާއީލު، ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއެއީ އަދި ބަހްރެއިންގެ ނަމެވެ. އެ ގައުމުތައް އެއްވެސް ސިފައެއްގައި އެއްވެސް ހާލެއްގައި ނާކާމިޔާބުވިޔަ ނުދޭނޭ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު