ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ހުށަހަޅުއްވައިފި ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަތުރަންފެށި ވާހަކަތައް އީރާނު ސަރުކާރުން ދޮގުކޮށްފިއެވެ.
ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަކަށް ދިއުމަށް އީރާނުގެ ރައީސް ހުށަހަޅުއްވައިފި ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައި މިވަނީ، ސީދާ އެމެރިކާގެ ރައްޔިތުންނަށް އަމާޒުކުރައްވައި އީރާނުގެ ރައީސް އާންމު ކުރެއްވި ދިގު ސިޓީފުޅަށް އިޝާރާތް ކުރައްވައެވެ.
އީރާނު ސަރުކާރުން އޮފިޝަލުން ވިދާޅުވީ، އީރާނު ރައީސްގެ ސިޓީފުޅަކީ ޓްރަމްޕަށް އެޑްރެސްކޮށް އާންމު ކުރެއްވި ސިޓީފުޅެއް ނޫން ކަމަށާއި، އެއީ އެމެރިކާގެ ރައްޔިތުންނަށް އަމާޒުކުރައްވައި އާންމު ކުރެއްވި ހުޅުވާލެވިފައިވާ ސިޓީފުޅެއް ކަމަށެވެ.
އެ ސިޓީފުޅުގައި އީރާނުގެ ރައީސް އެމެރިކާގެ ރައްޔިތުންނަށް ހަނދުމަކޮށް ދެއްވާފައިވަނީ، އީރާނަކީ އުދުވާނީ ގައުމެއް ނޫން ކަމަށެވެ. އުދުވާނުތައް ހިންގާ ގައުމެއް ނޫން ކަމަށެވެ.
އީރާނަކީ ކައިރީގައިވާ ގައުމުތަކާ އަދި ދުރުގައިވާ ގައުމުތަކާ ދެކޮޅަށްވެސް ހަނގުރާމަތައް ކުރަމުންދާ ގައުމެއް ނޫން ކަމަށް ވިދާޅުވެފައި ވެއެވެ.
އީރާނަކީ އުދުވާނީ ގައުމެއް ކަމަށް ބުނެ އެމެރިކާއިން ވާހަކަތައް ފަތުރަނީ، އީރާނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމަށް ހުއްޖަތެއްގެ ގޮތުން ކަމަށްވެސް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ ސިޓީފުޅުގައި ވެއެވެ.
ހަގީގަތުގައި އީރާނަކީ ސަރަހައްދުގައި އޮތް އެކުވެރި ގައުމެއް ކަމަށާއި، އީރާނުން މިހާރު ދެމުންގެންދާ ރައްދު ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ދެމުންގެންދާ ހަމަލާތަކެއް ކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވެފައި ވެއެވެ.
މި ހަނގުރާމަ އިސްވެ ފެށީ އީރާނުން ނޫން ކަމަށާއި، އީރާނުން އިސްވެ އެއްވެސް ހަނގުރާމައެއް ފަށާފައި ނުވާ ކަމަށާއި، އެމެރިކާގެ ރައްޔިތުންނާ މެދު އީރާނުން އެއްވެސް ދުޝްމަން ކަމެއް ނުގެންގުޅޭ ކަމަށްވެސް، އީރާނުގެ ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި އެމެރިކާއިން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައަކީ އިސްރާއީލަށްޓަކައި ކުރަމުންދާ ހަނގުރާމައެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު