ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް، މިހާރު އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އައްޔަނުކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ހޯމް މިނިސްޓަރު އަލީ އިހުސާންއަށް މިއަދު ލަފާދީފިއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވީ ފަރުހާދުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު (ޓޫފޯ) އަދި އަބްދުﷲ ޝަރީފެވެ. ޕޮލިސް ބޯޑުން މި ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، އެ ތިން ބޭފުޅުންނަކީ ވެސް މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަނީ ފަރުހާދު އަދި އަބްދުﷲ ޝަރީފްގެ މައްސަލަތަކެއް ހުރިކަން ބޯޑަށް އަންގާފައެވެ.
މިވަގުތު ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގުމާ ހަވާލުވެ ހުންނެވީ ވެސް ފަރުހާދު ފިކުރީއެވެ.
ފަރުހާދު ފިކުރީ އަކީ ފުލުހުންގެ މުއައްސަސާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ގާބިލް ބޭފުޅެކެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ކިޔުންތެރިންގެ ހިޔާލު