އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާއި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އަނެއްކާވެސް ތެހެރާނުގެ މަގުމައްޗަށް ނުކުމެވަޑައިގެން އެބަ އުޅުއްވައެވެ.
އީރާނުގެ ރައީސާއި، ޚާރިޖީ ވަޒީރު ނުކުމެވަޑައިގެން އުޅުއްވަނީ، ހަނގުރާމައިގައި އީރާނު ސަރުކާރަށް ތާއީދުކޮށް ކޮންމެ ރެއަކު ވެރިރަށް ތެހެރާނުގައި އާންމުން ނުކުމެ އުޅޭ ޝަހީދުންގެ މައިދާނުގައެވެ. އަދި އެ މައިދާނަށް ވަޑައިގެން އާންމުންނާ ބައްދަލު ކުރައްވައި ސަލާމްކުރައްވައި އާންމުންގެ ޝުއޫރުތައް ގެންދަވަނީ އަޑުއައްސަވަމުންނެވެ.
އެ ބޭފުޅުން އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން އުޅުއްވަނީ، ސަރުކާރަށް ތާއީދުކޮށް ކޮންމެ ރެއަކު އެއްވުން ބާއްވަމުން އަންނަ އާންމުންނަށް ހިތްވަރު ދެއްވުމުގެ ގޮތުންނެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ، މަގުމަތީގައި ހުންނަވައި އީރާނުގެ ޓީވީތަކަށް ދެއް ވި އިންޓަރވިއުގައި ވިދާޅުވީ، އޭނާ އާންމުންނާ ބައްދަލު ކުރެއްވުމަށް ނުކުމެވަޑައިގެންނެވީ، ދުޝްމަނުން އީރާނަށް އެންމެފަހުން ދިން ވަރުގަދަ ހަމަލާތަކަށްފަހު، އާންމުންނަށް ހިތްވަރު ދެއްވުމުގެ އިތުރުން، އާންމުންގެ ކިބައިން އަމިއްލަފުޅަށްވެސް ހިތްވަރު ލިބިގަތުމަށް ކަމަށެވެ. ރައްޔިތުންގެ އެއްބައިވަންތަކަމާއި، ވަރުގަދަ ރޫހުން، އިތުރު ރޫހް ލިބިގަތުމަށް ކަމަށެވެ.
ޓީވީތަކާ ވާހަކަ ދައްކަވަމުން އައްބާސް އަރަޣްޗީ ވަނީ، ސަރުކާރަށް ތާއީދުކޮށް އަޑުއުފުލަމުންގެންދާ އެންމެނަށް ހެޔޮ ދުޢާ ކުރައްވާފައެވެ. ވިދާޅުވީ “މާތްﷲ އެ ހުރިހާ އެންމެނަށް ހެޔޮ ރަހްމަތް ލައްވާށި” މިހެންނެވެ.
ދުޝްމަނުން ބޮންއަޅަމުން ގެންދިޔަ ނަމަވެސް، އީރާނުގެ ވެރިން ގެންދަވަނީ، އެ ބޭފުޅުންނަކީ ބަންކަރުގައި ފިލާބޮނދައި ތިބޭނޭ ބައެއް ނޫން ކަމަށާއި، އެބޭފުޅުން ތިއްބެވީ އީރާނުގެ ރައްޔިތުންނާ އެކުގައިކަން ސާބިތު ކޮށްދެއްވަމުންނެވެ.
އެމެރިކާއާއި އިސްރާއީލުގެ އުދުވާނީ ބާރުތަކުން އީރާނުގެ ވެރިރަށް ތެހެރާނަށާއި، އީރާނުގެ އެކި ކަންކޮޅުތަކަށް ބޮންއަޅައި ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކާއެކުވެސް، އެއްވެސް ބިރެއް ފިކުރެއްނެތި ތެހެރާނުގެ މައިދާނަށް އީރާނުގެ އެތައްހާސް އާންމުން ނުކުމެ ސަރުކާރަށް ތާއީދުކޮށް އަޑުއުފުލަމުން ގެންދެއެވެ. ހަނގުރާމައިގައި ދުޝްމަނުންނަށް ދޫނުދިނުމަށާއި، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށްވެސް ނުދިއުމަށް އާންމުން ގޮވާލަމުން ގެންދެއެވެ.
ކިޔުންތެރިންގެ ހިޔާލު