ގދ. މަޑަވެލީގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 50 ހައުސިން ޔުނިޓް އެޅުމުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
މަޑަވެލީގައި އިމާރާތްކުރާ މި ހައުސިން ޔުނިޓްތަކަކީ ތިން ކޮޓަރީގެ ޔުނިޓްތަކެއް ކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 450 ދުވަހުގެ ތެރޭގައެވެ.
ހައުސިން ޔުނިޓްގެ ބިންގާ އެޅުމުގެ އިތުރުން، މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބިޔަ މަޝްރޫއުގެ މަސައްކަތްވެސް މިއަދު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. މި މަސައްކަތަކީ 174.5 މިލިޔަން ރުފިޔާ ހޭދަކޮށްގެން 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން 19.17 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1645 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިން ކޮންޓްރެކްޓްކޮށްފައިވާ 8.85 ހެކްޓަރުގެ ބިން ހިއްކުމާއި، މަޑަވެލީ ފަޅުން ޖުމްލަ 35 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެ ކަމަށް އެ ކުންފުންޏުން ބުނެފައިވެއެވެ.
މި މަޝްރޫއުތަކަކީ މަޑަވެލީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކެކެވެ.
ކިޔުންތެރިންގެ ހިޔާލު