އައްޑޫގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އާއިލާއަށާއި އައްޑޫގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
މަރުޙޫމް އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެންބަރުކަމާއި އައްޑު އަތޮޅު އަތޮޅުވެރިކަންވެސް ކުރައްވައި، ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް އަދި ޚާއްޞަކޮށް އައްޑޫގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި އަޙްމަދު ޞާލިޙް ޢަލިދީދީ އަވަހާރަވުމުގެ ހިތާމައިގައި، އައްޑޫގެ ލޮބުވެތި ރައްޔިތުންނަށާއި، އެ ޢާއިލާއަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފަ އެވެ.
އަދި މަރްޙޫމް އަޙްމަދު ޞާލިޙް ޢަލިދީދީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ރައީސް ވަނީ ދުޢާ ދަންނަވާފަ އެވެެ.
އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވީއިރު އުމުރުފުޅަކީ 92 އަހަރުފުޅެވެ.
އޭނާގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިރޭގެ އިޝާ ނަމާދަށް ފަހު ހިތަދޫ މަސްޖިދުއްތަގުވާ (ހުސައިން މޫސާ މިސްކިތް) ގަ އެވެ.
އަހުމަދު ސޯލިހު އަލިދީދީއަކީ އައްޑޫގެ ފަސްގަނޑުގައި އުފެދުނު ފަންނުވެރި ހިދުމަތްތެރި ބޭފުޅުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ހިތަދޫ ފެހިވިލާގެ އަޙުމަދު ޞާލިޙް އަލިދީދީ އަކީ ދިވެހި ދައުލަތަށް 45 އަހަރު ހިދުމަތް ކުރައްވާފައިވާ ހިދުމަތްތެރިއެކެވެ.
އަޙުމަދު ޞާލިޙް އަލިދީދީގެ ގައުމީ ހިދުމަތުގެ ތެރެއަށް ޖެހިލާއިރު 1964 ވަނަ އަހަރުން ފެށިގެން 1969 ވަނަ އަހަރާ ހަމައަށް ހިތަދޫ ކަތީބުކަން ކުރެއްވި އެވެ. އަދި 1968-1969 ވަނަ އަހަރާ ހަމަޔަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ އަތޮޅު މެމްބަރުކަން ކުރެއްވި އެވެ. އަޙުމަދު ޞާލިހް އަލިދީދީ ވަނީ 1971-1975 އަށް އައްޑޫ އަތޮޅު އަތޮޅުވެރިކަން ވެސް ކުރައްވާފަ އެވެ.
އޭގެ އިތުރުން ގަން އެއާޕޯޓުގެ މެނޭޖަރުކަމާއި ގަމުގެ އެސްޓީއޯގެ މެނޭޖަރުކަމާއި ހިތަދޫގެ ސްޓެލްކޯގެ މެނޭޖަރުކަމާއި ޑެޕިއުޓީ މެނޭޖަރު ކަން އަހުމަދު ސޯލިހު އަލިދީދީ ކުރައްވާފައިވެ އެވެ.
އޭނާ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1964 ވަނަ އަހަރު އެވެ. ރިޓަޔާ ކުރެއްވީ 2009 ވަނަ އަހަރު އެވެ.
1964 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރު ރިޓަޔާ ކުރެއްވުމާއި ހަމަޔަށް 45 އަހަރު ޞާލިޙް ވަނީ ދިވެހި ސަރުކާރުގެ އެކި އެކި މަޤާމް ތަކުގައި ހުންނަވާ އައްޑޫގެ ރައްޔިތުންނަށް ނުހަނު ގިނަ ޚިދުމަތްތައް ކުރައްވާފަ އެވެ.
އަހުމަދު ސޯލިހު އަލިދީދީއަކީ ކުޅިވަރުގެ ދާއިރާއިންވެސް އައްޑޫގައި ފާހަގަކޮށްލެވޭ ނަމެކެވެ. އެގޮތުން އައްޑޫ އަތޮޅުން ދިވެހިރާއްޖޭއަށް އެންމެ ފުރަތަމަ ޤައުމީ މުބާރާތެއްގައި ބައިވެރިވުމުގެ ޝަރަފު ހޯއްދަވާފައިވަނީ އޭނަ އިސްކޮށް އުޅުއްވި “އޭއެސްއޭ” ކްލަބުން ނެވެ. އޭނާގެ މެނޭޖަރު ކަމުގައި 1968 ވަނަ އަހަރު އުފެއްދި އެ ކްލަބުން ވަނީ ޤައުމީ މުބާރާތުގައި ބައިވެރިވެ ފައިނަލްގައި ކުޅެ މުބާރާތުން ދެވަނަ ޙާސިލުކޮށްފަ އެވެ.
މާލޭގެ ދަނޑުތަކުގައި ކުޅެ ރާއްޖެއިން އައްޑޫގެ ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަން ތަޢާރަފް ކުރެއްވުމުގައި ވެސް އަހުމަދު ޞާލިޙް އަލިދީދީ ކުރެއްވި މަސައްކަތަކީ ތަޢުރީފް ޙައްޤު މަސައްކަތްތަކެކެވެ.
އަހުމަދު ސޯލިހު އަލިދީދީގެ އިޖުތިމާއީ މަސައްކަތްތައް ފާހަގަކޮށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ޝަރަފުވެރިކަމުގެ އެވޯޑެއް ވެސް އޭނާއަށް އަރުވައިފަ އެވެ.
ސުވަދީބު ދައުލަތާއި ގައުމީ ބައިބައިވުމާ ދެކޮޅަށް ކުރެއްވި މަސައްކަތް!
ނަވާރަ ސަތޭކަ ފަންސާސް ނުވަ ވަނަ އަހަރުން ފެށިގެން 1963 އަހަރާއި ސުވަދީބުގެ ނަމުގައި ދެކުނުގެ ހަތަރު އަތޮޅުން ވަކިވެގެން އުފައްދަން އުޅުނު ދައުލަތާ ދެކޮޅަށް ވެސް އަހުމަދު ސޯލިހު އަލިދީދީ މަސައްކަތް ކުރެއްވި އެވެ. އޭނާ މަސައްކަތް ކުރައްވާފައިވަނީ ދިވެހި ދައުލަތަށް ތެދުވެރިވެ، ބައިބައިވުމާ ދެކޮޅަށެވެ.
މިގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވި ބޮޑުންނަށް ނަސޭހަތް ދެއްވައި ދިވެހި ދައުލަތާ ދެކޮޅަށް ނުނިކުތުމަށް ބާރު އަޅުއްވައި ނަސޭހަތް ދެއްވި އެވެ.
އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވުމާ ގުޅިގެން ގިނަ ތައުޒިޔާ ކިޔަމުން އަންނައިރު ކުރީގެ ރައީސް ނަޝީދު ވެސް ވަނީ އަހުމަދު ސޯލިހު އަލިދީދީގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އެމަނިކުފާނުގެ ތައުޒިޔާގެ މެސެޖުގައި އަހުމަދު ސޯލިހު އަލިދީދީއަކީ ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި ރާއްޖެއަށް ގެނައި އިސްލާހީ ހަރަކާތުގައި ވެސް އޭނާ އިސްދައުރެއް އަދާކުރެއްވިކަން ފާހަގަކުރެއްވި އެވެ.
އަހުމަދު ސޯލިހު އަލިދީދީ މި ދުނިޔެ ދޫކުރެއްވި ނަމަވެސް އޭނާގެ ހިދުމަތްތައް ވަނީ އައްޑޫ ސިޓީގެ ތާރީޚުގައި ލިޔެވިފަ އެވެ. އަހުމަދު ސޯލިހު އަލިދީދީގެ ނަންފުޅަކީ މި ދިވެހި ބިން އޮތްހާ ހިނދަކު ފޮހެވޭނެ ނަމެއް ނޫނެވެ.
ކިޔުންތެރިންގެ ހިޔާލު