އައްޑޫ އަތޮޅުވެރިކަމުގެ މަޤާމުގެ އިތުރުން ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އަޙްމަދު ޞާލިޙް އަލިދީދީ މިއަދު އަވަހާރަވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ ސޯލިހް އަލިދީދީ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވި އިރު އޭނާގެ އުމުރަކީ 92 އަހަރެވެ.
އާއިލާއިން މަޢުލޫމާތު ދޭ ގޮތުގައި، ސޯލިހް އަލިދީދީގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގެ ޢިޝާ ނަމާދަށް ފަހު ހިތަދޫ ޙުސައިން މޫސާ މިސްކިތުގައެވެ. މޫނު ދެއްކުން ކުރިއަށްދާނީ މިއަދު މެންދުރުފަހު 2:00 އިން ފެށިގެން މިރޭ އިރުއޮއްސި 8:30 އާ ހަމައަށް ފެހިވިލާގޭގައެވެ.
އަޙްމަދު ޞާލިޙް އަލިދީދީއަކީ ދައުލަތަށް 45 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތީ 1965 ވަނަ އަހަރުގައެވެ. އެ މުއްދަތުގެ ތެރޭގައި އައްޑޫ އަތޮޅުވެރިކަމުގެ އިތުރުން، ހިތަދޫ ކަތީބުކަމާއި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ އަތޮޅުގެ މެންބަރުކަން ވެސް ވަނީ ކުރައްވާފައެވެ.
މީގެ އިތުރުން ގަން އެއާޕޯޓުގެ މެނޭޖަރުކަމާއި، ގަމުގެ އެސްޓީއޯގެ މެނޭޖަރުކަމުގެ އިތުރުން، ހިތަދޫ ސްޓެލްކޯގެ މެނޭޖަރުކަމާއި ޑެޕިއުޓީ މެނޭޖަރުކަމުގެ މަޤާމުވެސް އޭނާ ފުރުއްވިއެވެ. އޭނާ ވަޒީފާއިން ރިޓަޔާ ކުރެއްވީ 2009 ވަނަ އަހަރުގައެވެ.
ޞާލިޙް އަލިދީދީ އައްޑޫގެ ތަރައްޤީއަށާއި އިޖުތިމާއީ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް، އައްޑޫ ސިޓީ ކައުންސިލުން ވަނީ އޭނާއަށް ޝަރަފުވެރިކަމުގެ އެވޯޑެއްވެސް އަރުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު