އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފިއެވެ.
އެތަން ހުޅުއްވައިދެއްވީ، ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ. އެ ރަސްމިއްޔާތުގައި، ހުޅުމާލޭގައި ހިންގާ އެކި ސްޕޯޓްސް އެކަޑަމީތަކުންވެސް ވަނީ ބައިވެރިވެފައެވެ.
އެޗްޑީސީން ބުނީ ރޭ ހުޅުވިގެންދިޔަ ކުޅިވަރު އެކުވެނިއާއެކު، ކުޅިވަރު ކުޅޭ ފަރާތްތަކަށް ކޯޓު / ދަނޑު ހޯދުމުގައި މިހާރު އޮތް ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެ އެކުވެނީގައި، ބަށި ކޯޓާއި، ވޮލީ ކޯޓު، ބާސްކެޓް ކޯޓުގެ އިތުރުން ހޭންޑްބޯލް ކޯޓަކާއި ނެޓްބޯލް ކޯޓެއް ވަނީ ގާއިމުކޮށްފައެވެ.

އެތަން މިހާރު އާންމުންނަށް ހުޅުވާލާފައިވާ ކަމަށާއި އެއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތެއްގައި ތިބުމަށްވެސް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު