ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ”އެސް.އެމް.އީ ޑިޖިޓަލް“ ގެ ބޯޑަށް އާންމު މެމްބަރުން އައްޔަނުކުރުމަށްޓަކައި، އެކަމަށް ޝަރުތުހަމަވާ ތަޖުރިބާކާރު ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެސް.އެމް.އީ ޑިޖިޓަލް އިން ކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ބޯޑަށް އައްޔަންކުރުމަށް ނިންމާފައިވަނީ މިނިވަން 3 ޑިރެކްޓަރުންނެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 05 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އެ މީހަކީ އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ތަޖުރިބާކާރު ފަރާތްތަކުގެ ލަފަޔާއި އިރުޝާދު ހޯދުމުގެ މަގުސަދުގައި ކުރެވޭ ކަމެކެވެ.
އެސް.އެމް.އީ ޑިޖިޓަލް އަކީ މީގެ ކުރިން ”އެސް.އެމް.އީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން“ (އެސް.ޑީ.އެފް.ސީ) ގެ ނަމުގައި ހިންގަމުން އައި ކުންފުންޏެވެ. ނަމަވެސް، މިހާރު ވަނީ އެ ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ”އެސް.އެމް.އީ ޑިޖިޓަލް“ ގެ ނަމަށް ރީބްރޭންޑް ކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މި ކުންފުނި ރީބްރޭންޑް ކުރުމަށްފަހު، ކުރިން ދެމުން އައި ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ވީހާވެސް ގިނަ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި އެހެނިހެން އެހީތައް ފޯރުކޮށްދިނުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ބޯޑަށް އާ މެމްބަރުން އައްޔަނުކުރުމަކީ ކުންފުނީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު