އަންނަ އެޕްރީލް މަހުގެ ދެވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސަރުކާރު ޓެކްސީ ލައިނުގައި ހިމެނޭ 150 ކާރުގެ ތެރެއިން ފަސް ކާރެއް ވިލިމާލޭގައި ދަތުރުކުރާނެކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނުގައި ހިމެނެނީ އިލެކްޓްރިކް ކާރުތަކެއް ކަމަށްވުމުން އެ ކާރުތަކަކީ ވިލިމާލޭގެ މާހައުލާ ގުޅޭނެ ކާރުތަކެއް ކަމަށެވެ.
“ސަރުކާރުން މިހާރު ފެށުމަށް ތައްޔާރުވަމުންދާ މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފެށޭއިރުގައި މިރަށުގައިވެސް އޭގެ ފަސް ޓެކްސީ ގެނެސް ރައްޔިތުންނަށް އެ ހިދުމަތް ދެވިގެންދާނެކަން. މިއީ އިލެކްޓްރިކް ޓެކްސީތަކަކަށްވާތީ މިރަށުގެ މާހައުލާއި މިރަށުގެ ރައްޔިތުންގެ ފަސޭހަކަމާއި މިރަށުގެ ތަރައްގީއަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާނެ ކަމެއްކަމީ ޝައްކެއް އޮތް ކަމެއް ނޫން” މުއްތަލިބު ވިދާޅުވިއެވެ.
އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ.
ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންކުރާ އިލެކްޓްރިކް ކާރުތަކުގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ މިހރު ވަނީ އައިސްފައެވެ. އެމްޓީސީސީން ބުނެފައިވަނީ އެ ޝިޕްމެންޓުގައި ހިމެނެނީ 60 ކާރު ކަމަށެވެ. އެއީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެއް ކަމަށާއި، ކާރުގެ މޮޑެލްއަކީ އެސް، ސުމެއް، ފަހެއް އެވެ.
ކާރުގެ ދެވަނަ ޝިޕްމެންޓް ރާއްޖެ އަންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު