ތިލަފުށީގައި ގާއިމްކޮށްފައިވާ ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ ނުވަތަ “އެމްޕްޓީ ކޮންޓެއިނަރ ޑީޕޯ’ އިތުރުކޮށްފިއެވެ. މިއީ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއެވެ.
އެމްޕްޓީ ކޮންޓެއިނަރ ޑީޕޯއަކީ ހުސްކޮށް ހުންނަ ކޮންޓެއިނަރުތައް ރައްކާކުރުމަށާއި، ބެލެހެއްޓުމަށާއި، ސާފުކުރުމުގެ އިތުރުން މަރާމާތު ކުރުމަށް ބޭނުންކުރާ ޚާއްސަ ފެސިލިޓީއެކެވެ. މިފަދަ ޑީޕޯތަކަކީ ޝިޕިންގް ލައިންތަކަށް އިތުރުވާ ކޮންޓެއިނަރުތައް ރައްކާކޮށް، އަލުން ބޭނުންކުރުމަށް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރާ ފެސިލިޓީއެކެވެ.
ތިލަފުށީގައި ގާއިމްކުރި މި ޑީޕޯގެ މަސައްކަތް ނިންމައި، 2025ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން އެމްޕީއެލްގެ އޮޕަރޭޝަންސްތަކުގައި އެ ސަރަހައްދު ދަނީ ބޭނުންކުރަމުންނެވެ. މި ވަގުތުވެސް އެ ސަރަހައްދުގައި ޖުމްލަ 1600 ޓީއީޔޫ ބެހެއްޓޭނެ ޖާގަ އެބަހުއްޓެވެ.
މި ސަރަހައްދުގެ ޖާގަ އިތުރުކުރުމަށްޓަކައި ބިން އެއްވަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. މި އައު ސަރަހައްދު ބޭނުންކުރަން ފެށުމުން ޑީޕޯގެ ޖުމްލަ ކެޕޭސިޓީ 3000 ޓީއީޔޫއަށް މަތިވާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި މި ޑީޕޯ ބޭނުންކުރަން ފެށުމުން، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ލުޔެއް ލިބޭނެއެވެ. ނަމަވެސް، ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނީ ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ތިލަފުށީގައި ގާއިމްކޮށްފައިވާ “އެމްޕްޓީ ކޮންޓެއިނަރ ޑީޕޯ” ގެ ކެޕޭސިޓީ ބޮޑުކޮށްފައިވާއިރު، ތިލަފުށީގައި ތަރައްޤީކުރާ އައު ބަނދަރުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. އެގޮތުން، މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން އަދި ސާރވޭގެ މަސައްކަތްތައް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ، ސީއެޗްއީސީއާ މި އަހަރުގެ ފެބްރުވަރީ މަހު ވަނީ ހަވާލުކޮށްފައެވެ.
އެމްޕީއެލްއިން ވިދާޅުވީ، ސީއެޗްއީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސާރވޭތައް ކަނޑައެޅިފައިވާ ތާވަލަށްވުރެ އަވަހަށް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ “ޖިއޯ ޓެކްނިކަލް” ސާރވޭގެ މަސައްކަތް އަދި ޔާޑާއި ޓަރމިނަލްގެ ލޭއައުޓާއި ޕްލޭނިންގ މަސައްކަތްތައް އެމްޕީއެލްގެ ޓީމުތަކުން ކުރަމުންގެންދާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ދިވެހިރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތަށް، 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކޮށް ޚިދުމަތް ދޭން ފެށުމަކީ އެމްޕީއެލްގެ އަމާޒެވެ.
ކިޔުންތެރިންގެ ހިޔާލު