ގދ. ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރުގެ އިތުރުން، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދާއި، ތިނަދޫ ސިޓީ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ތިނަދޫ ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން 87,455 އަކަފޫޓުގެ ސަރަހައްދެއްގައި 102 އެނދުގެ ޖާގައިގެ އާ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތާއެކު ހޮސްޕިޓަލް ޓާޝާރީ ފެންވަރަށް ތަރައްޤީވެގެންދާނެއެވެ. މިއީ ޖުމްލަ 144.43 މިލިއަން ރުފިޔާ އަށް 540 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

10,000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ތިނަދޫ ސިޓީއަކީ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވުމާއެކު، ދުވާލަކު އެތައް ބަޔަކު ސިއްޙީ ފަރުވާ ހޯދުމަށް އެ ރަށަށް ޒިޔާރަތްކުރެއެވެ. ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ ވިންގުގެ މަސައްކަތް ނިމުމުން، ތިނަދޫއާއި އެ ސަރަހައްދުގެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ފުޅާ ދާއިރާއެއްގައި ސިއްޙީ ފަރުވާ ލިބުމުގެ މަގު ފަހިވެ، ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢު ކުރިއަށްގެންދާ އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ އަދި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު