ގދ. ހޯނޑެއްދު އާއި ގއ. ނިލަންދޫގެ އިތުރުން ނ. ލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ދޯނި އެހެލާ ސަރަހައްދާއި ފަތާ ސަރަހައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު، އަޙުމަދު ޝަރީފު ޢަބްދުއްރަޙްމާން ޔޫސުފެވެ.
ހޯނޑެއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން 30،000 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 831 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 539 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 225 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 39.68 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމަން ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މީގެ އިތުރުން ނިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން 41،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 533 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 145 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 39.68 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އަދި ލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ދޯނި އެހެލާ ސަރަހައްދާއި ފަތާ ސަރަހައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 24،800 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 320 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 420 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 47.86 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ހިޔާލު