އިންވެސްޓަރުންނަށް ޚާއްސަ ޕާލް ރެސިޑެންސީ ވިސާ އަންނަ މަހު ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ.
ޕާލް ރެސިޑެންސީ ޕްރޮގްރާމް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު ހެންލީ އެންޑް ޕާޓްނާސް ކުންފުންޏާއެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ މިދިޔަ އަހަރު ސިންގަޕޫރުގަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގައި ބޭއްވި އިންވެސްޓަރ ފޯރަމުގެ ތެރޭގައެވެ. މިއީ ރާއްޖޭގައި އިންވެސްޓް ކޮށް ދިގުމުއްދަތަކަށް ރާއްޖޭގެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަޢާރަފް ކުރާ ޕްރޮގްރާމެކެވެ.
ޕާލް ރެސިޑެންސީ ވިސާ ޕްރޮގްރާމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ މި ޕްރޮގްރާމު ތަޢާރަފްކުރުމަށް ބޭނުންވާ ޤާނޫނީ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާއި ގުޅިގެން މިހާރު ކުރިއަށްދާ ކަމަށެވެ.
“އޭގެ އިތުރަށް ޕާލް ރެސިޑެންސް ވިސާ ނަމުގައި ރެސިޑެންސީ ވިޔަފާރިއެއް ތައާރަފްކުރުމަށް ބަޔަކާއި އެކު ސޮއިކޮށްގެން މިދަނީ، އެޗްއެންޕީ، ހެންލީ އެންޑް ޕާޓްނާސް އެކު. އެއަށް މިހާރު ކުރަން ޖެހޭ ޤާނޫނީ މަސައްކަތް އެޓާނީ ޖެނެރަލް އާއެކު ކުރިއަށް އެބަ ގެންދަން. އަޅުގަނޑުމެންގެ ޓާގެޓަކީ އެޕްރީލް މަހު ޕާލް ރެސިޑެންސީ ދިވެހިރާއްޖޭގައި ތައާރަފްކުރުން. ބައެއް ފަރާތްތަކުން މީތި އަޅާ ކިޔާ، ދުބާއީގައި ކުރިއަށް ގެންދާ ގޯލްޑެން ވިސާ ޕްރޮގްރާމާއި.” ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު