ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތު ކުދިން ފޯސްޓާކުރުމުން ވިހެއުމުން ލިބޭފަދަ ޚާއްސަ ޗުއްޓީއެއް އަންނަ އޭޕްރިލް މަހުން ފެށިގެން ލިބޭނެ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ގިނަ ފަހަރަށް ތުއްތު ކުދީން ފޮސްޓާކޮށް އެ ކުދީންނާ ހަވާލުވަނީ ހޮސްޕިޓަލުގެ ތެރެއިން ކަމަށެވެ. މަސް ދުވަހު ކުއްޖާ ހޮސްޕިޓަލުގައި އޮންނައިރު، ވަޒީފާއަށް ދަމުން ހޮސްޕިޓަލުގައި އުޅެންޖެހޭއިރު، އެކަމުގެ ޝަކުވާ ލިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަށް ވިހެއުމުގެ ތެރެއިން ސިވިލް ސާވިސްގެ ތެރެއިންވެސް އެބަ ލިބޭ މެޓާނެޓީ ލީވްއަކާ ޕެޓާނެޓީ ލީވްއަކާ. އެ މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، ސިވިލް ސާވިސްގައި އެ މަޝްވަރާ ކުރެވިގެން މި އޭޕްރިލް މަހު ފޮސްޓާކުރާ ފަރާތްތަކަށް ވެސް ޚާއްސަ ޗުއްޓީއެއް، ޚާއްސަ ލީވްއެއް މިހާރު ހަމަޖެހިފަ އޮތީ،” ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ފޮސްޓާކުރުމުން ލިބޭ ޗުއްޓީގެ ސަބަބުން ކުދީންނާއި، ކުދީންނާ ހަވާލުވާ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ތިބި ކުދިންގެ އަދަދު 152އަށް އަރައެވެ. އެ މިނިސްޓްރީން ވަނީ، މިދިޔަ މަހުގެ ތެރޭގައި ދެ ކުއްޖަކު ފޮސްޓާކޮށްފައިވެއެވެ.
ދައުލަތުގެ ދަށުގައި ތިބޭ ކުދިން ފޮސްޓާ ކުރުމަށް ދެ ގޮތެއް އޮވެއެވެ. އެއީ ވަގުތީ ގޮތުން ފޮސްޓާ ކުރުމާއި ދާއިމީ ފޮސްޓަރިންއެވެ. ވަގުތީ ގޮތުން ފޮސްޓާ ކުރުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ވަގުތީ ގޮތުން ބަލަހައްޓާނެ ފަރާތަކާ ހަވާލުކުރުމެވެ. މިގޮތަށް ހަވާލުކުރެވޭ އެންމެ ކުރު މުއްދަތަކީ ދެ އަހަރެވެ.
ކިޔުންތެރިންގެ ހިޔާލު