ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ ހިއްސާތަކަށް ގެންނަ ބަދަލާއެކު ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީ ވެގެންދާނެ: ސީއެމްޑީއޭގެ ސީއީއޯ

Q

ބީއެމްއެލްގެ ހިއްސާތަކަށް ގެންނަ ބަދަލާއެކު ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ، ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ރޭ ވާހަކަދައްކަމުން މަނިކު ވިދާޅުވީ ބީއެމްއެލްގެ ހިއްސާ 1 އިޒްޓު 10 ރޭޝިއޯ އިން ބައިކުރުމުން ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުވެ، ހިއްސާއަކަށްޖެހޭ އަގު ހެޔޮވުމުން، ހިއްސާ ގަނެ ވިއްކާ މިންވަރު އިތުރުވެ ފަހި ބަދަލުތަކެއް ހިއްސާގެ ބާޒާރަށް އަންނާނެ ކަމަށެވެ. ހިއްސާ ވިއްކާ އަގުތައް މިހާރު ހުރީމަތީ އަގެއްގައި ހިފަހެއްޓިފައި ކަމަށާއި އެހެން ނަމަވެސް ހިއްސާގެ އަގު ކުޑަ ވެއްޖެނަމަ ބެންކުގެ ‘ގްރޯތު ޕޮޓެންޝަލް’ އިތުރުވެގެންދާނެ ކަމަށް މަނިކު ވިދާޅުވިއެވެ.

“ބެންކުން ހުށަހަޅާ ގޮތަށް ޝެއާ ސްޕްލިޓްވީމަ ހިއްސާގެ އަގުދަށްވެފައި އެ ވިއްކަން ފެށީމަ އަޅުގަނޑުގެ ލަފާކުރުމަކީ މާދުރު ނޫން މުސްތަގުބަލެއްގައި ބޭންކުގެ ގްރޯތު އަދި މާކެޓް ކެޕިޓަލައިޒޭޝަން ތިން ގުނަ ނުވަތަ ހަތަރުގުނައަށް ދިއުމަކީވެސް އެކަށީގެންވާ ކަމެއް،” މަނިކު ވިދާޅުވިއެވެ.

މަނިކު ވިދާޅުވީ ލިސްޓްކޮށްފައިވާ އެހެން ކުންފުނިތަކުން ވެސް ބީއެމްއެލްއިން ހިއްސާތަކަށް ގެނައި ފަދަ ބަދަލެއް ގެނައުމަކީ ސީއެމްޑީއޭގެ އެދުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން އާންމު ރައްޔިތުންނަށާއި ކުންފުނިތަކަށް ވެސް ފައިދާވާނެ ކަމަށް މަނިކު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވިދާޅުވީ ބީއެމްއެލްގެ ހިއްސާގެ މޫނުމަތީ އަގު ކުޑަވެގެން ދިއުމުން ހިއްސާ އަތްފޯރާ ފަށަށް އައިސް، ހިއްސާގެ ބާޒާރުގެ މުއާމަލާތްތައް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހިއްސާ ބާޒާރުގެ ތާރީހަށް ބަލާއިރު ހިއްސާ ގަންނަން ބޭނުންވާ ފަރާތްތައް ގިނަ ކަމަށާއި އެހެންނަމަވެސް ހިއްސާ ވިއްކަން ބޭނުންވާ މީހުން މަދުކަން ފާހަގަކޮށް އައުޝަން ވިދާޅުވީ ބީއެމްއެލްގެ މި ނިންމުމާ ގުޅިގެން ހިއްސާ ވިއްކާ ފަރާތްތައް ވެސް އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން މާކެޓްގެ ހަރަކާތްތައް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް އައުޝަން ވިދާޅުވިއެވެ.

މިސާލެއް ދައްކަވަމުން އައުޝަން ވިދާޅުވީ ބީއެމްއެލްގެ 100 ހިއްސާ އޮންނަ މީހަކު އޭނާ އަށް ހިއްސާގެ ފައިދާގެ ގޮތުގައި ރަނގަޅު އެއްޗެއް ލިބޭތީ އެ ވިއްކާލަން ބޭނުންނުވާ ކަމަށާއި އެހެނަސް މިބަދަލާ އެކު އެ ހިއްސާ 3،000 ހިއްސާ އަށް ބަދަލުވާނެ ކަމަށާއި އެހެންކަމުން އޭގެތެރެއިން ބަޔެއް ވިއްކުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

“ބީއެމްއެލްގެ މި ކޯޕަރޭޓް ނިންމުމާ ގުޅިގެން އަޅުގަނޑު މިބަލަނީ ހިއްސާގެ މާކެޓް އަގުވެސް ތިރިވެގެންދާނެ ކަމަށް، އަދި އާ ހިއްސާދާރުންނަށް ވެސް ހިއްސާ ގަތުމުގެ ފުރުސަތު ބޮޑުވެ ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށް” އައުޝަން ވިދާޅުވިއެވެ.

ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލު

  1. ހިއްސާދާރުންގެ އަތުގައި ‘ރެކޯޑް ޑޭޓް’ ( 18 މާރިޗު 2026) އާ ހަމަޔަށް ހުރި މޫނުމަތީ އަގުގެ 50 ރުފިޔާ ގެ ކޮންމެ 1 ހިއްސާއަކަށް 2 ބޯނަސް ހިއްސާ ދޫކުރުމަށް ބޯޑުން ވަނީ އާންމު ޖަލްސާއަށް ހުށަހަޅާފައި. ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުން. މިސާލަކަށް 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބޭނެ. އެހެންކަމުން، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެ.
  2. 1 އިޒްޓު 10 ރޭޝިއޯ އިން ހިއްސާ ބައިކުރުން. ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް ހިއްސާއަކަށްޖެހޭ އަގު ދަށްކުރުން. މި ރޭޝިއޯއިން ބޭންކުގެ ހިއްސާ ބައިކުރުމުން ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެ.

ބޭންކުން ހިއްސާ ބައިކުރުމަށް ނިންމި މަގުސަދުތަކަކީ

  • އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުން
  • ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން
  • މާކެޓް ލިކުއިޑިޓީ އަދި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގު ފަހިކޮށްދިނުން
  • މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުން

ހިއްސާގެ އަގު ކުޑަވުމާއެކު މާކެޓުގައި އިންވެސްޓްރުންނަށް ބައިވެރިވުމަށް ހިތްވަރުދެވި، ލިކުއިޑިޓީ އަދި ޓްރޭޑިން ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި، 2028ގެ މެދުތެރޭ ނިންމައިލެވޭނެ

Bml

ބީއެމްއެލްގެ ސާފު ފައިދާ 2.5 ބިލިއަނުން މައްޗަށް

ބީއެމްއެލްގެ ހައްޖު ޕްރޮމޯޝަންގެ ދިހަ ނަސީބުވެރިން ހޮވައިފި

ލައިސަންސް ނުނަގައި އިންވެސްޓްމަންޓް ސްކީމްތައް ނުހިންގުމަށް ސީއެމްޑީއޭގެ އިލްތިމާސްއެއް!