ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕަބްލިކް ވޯކްސް ޔުނިޓްތައް ގާއިމުކުރުމަށް ބޭނުންވާ ބަޖެޓު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، މި މަސައްކަތް ވަރަށް އަވަހަށް އަމަލީގޮތުން ފެށިގެންދާނެކަމަށް ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ 19 ރަށެއްގައި މި ޔުނިޓްތައް ގާއިމުކުރުމަށެވެ.
އޭގެ ބޭނުމަކީ ރަށްރަށުގައި ދެވޭ އާންމު ހިދުމަތްތައް މެއިންޓެއިން ކުރުމަށްޓަކައި ކޮންމެ ފަހަރަކު މާލެއިން މީހުންނާއި މެޝިނަރީ ގެންދިއުމަށް ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ޔުނިޓްތައް ގާއިމުކުރާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، އދ. މާމިގިލި، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ތ. ވިލުފުށި، ލ. ގަން އަދި ގއ. ވިލިނގިލި ހިމެނެއެވެ.
މި ހުރިހާ ރަށަކުންވެސް އެ މަސައްކަތް ފެށުމަށް ބޭނުންވާ އިދާރީ އިމާރާތް ހެދުމަށާއި ބޮޑެތި އުޅަނދުތައް ބެހެއްޓުމަށް ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަށް ބޭނުންވާ މެޝިނަރީ ހޯދުމަށް 9.1 މިލިއަން ޑޮލަރުގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ ތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތް ފެށޭނެކަމަށެވެ.
ކޮންމެ ޔުނިޓަކަށް 9 ބާވަތެއްގެ މެޝިނަރީ ހޯދުމަށް ނިންމާފައިވެއެވެ. އޭގެ ތެރޭގައި އެކްސްކަވޭޓަރާއި، ލޯޑަރާއި، ގްރޭޑަރުގެ އިތުރުން 15 އަދި 10 ޓަނުގެ ޑަމްޕްލޮރީ އާއި، ކޮމްޕެކްޓަރާއި، ކޮމްޕްރެސަރު ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ބަނދަރާއި މަގުތައް މަރާމާތުކުރުމަށް ހާއްސަ ސެޓަޕްތަކާއެކު 4 މޮބައިލް ޔުނިޓެއް ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ބޮޑު މަޝްރޫއުގެ ދަށުން ޖުމްލަ 516 މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތު ހުޅުވޭނެއެވެ. އޭގެ ތެރެއިން 141 މުވައްޒަފުން ވަޒީފާއަށް ނެގުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ވަނީ ދީފައެވެ.
އެހެންކަމުން މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު