ރ. އުނގުލަކީ އެއަތޮޅު އުނގޫފާރު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އުނގޫފާރުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ އެރަަށަށް އެރޭނީ ހަމައެކަނީ އުނގޫފާރު ރައްޔިތުންނަށް ކަމަށް އުނގޫފާރު ކައުންސިލުން ބުނެފިއެވެ.
އުނގޫފާރު ކައުންސިލުން ގެޒެޓުގައި މިއަދުކުރި އިއުލާނެއްގައި ބުނެފައި ވަނީ އުނގުލަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން، އުނގޫފާރު ކައުންސިލްގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ އުނގޫފާރުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރަށެއް ކަމަށެވެ.
އެހެންވެ އުނގުލާ މެދު އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅައި ނިމެންދެން އެ ރަށަށް އަރައި ފޭބުމުގައި އަމަލުކުރާނެ އުސޫލެއް ކައުންސިލުން ވަނީ އެކުލަވާލައިފައެވެ.
އެ އުސޫލުގައިވާ ގޮތުން އުނގުލަށް އެރުމަށް ހުއްދަ ދެވޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރާ ފަރާތްތަކަށް ކަމަށެވެ. ގޫގުލް ފޯމް ފުރިހަމަ ކުރުމުގެ ސުންގަޑި އަކީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކަމަށް އުސޫލުގައިވެއެވެ.
އުނގުލަށް އަރައި ފޭބުމުގެ ހުއްދަ ދެވޭނީ އުނގޫފާރުގެ ރަށްވެހިންނަށާއި ރަށްވެއްސަކާ ކައިވެނިކޮށްގެން އުނގޫފާރުގައި ދިރިއުޅޭ ފަރާތްތަކާއި އެފަރާތްތަކުގެ ދަރިންނަށްކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 ން ހަވީރު 5:00 ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް، އުނގުލަށް އެރުމުގެ ފުރުސަތަށް އެދި ފޯމު ފުރައި އުނގޫފާރުގެ ފަރާތްތަކަށް ފުރުސަތު ދެވޭނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ރަށުން ހޮވާ ކޮންމެ ހަތަރު ކާށިން އެއް ކާށި ކައުންސިލަށް ލިބެންވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ގެނެވޭނީ ހަމައެކަނި ހޮވާ ކާށި ކަމުގައި ކަމަށާއި، ރުއްގަހަށް އެރުމާއި ދިގު ދަނޑި ބޭނުންކޮށްގެން ރުއް އެޅުމަކީ މަނާކަމެއްކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
ހޮވާ ކާށީގެ ތެރެއިން ކައުންސިލަށް ލިބޭ ކާށި ވިއްކާނެ ކަމަށް އުސޫލުގައިވެއެވެ. އުނގުލުން ގަންނަ ނަމަ ފަސް ރުފިޔާއަށް އުނގޫފާރުން ނަމަ ހަތް ރުފިޔާއަށް ކާއްޓެއް ގަންނަން ލިބޭނެ ކަމަށް އުސޫލުގައިވެއެެވެ.
ކަށިކެޔޮ ގަނޑެއް 100 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށާއި، ކަނޑަންވާނީ ދޮންވެފައި ހުންނަ ކަށި ކެޔޮ ކަމަށް އުސޫލުގައިވެއެވެ. ކުއްޅަވައް، ފަން، މިދިލިއޮށް ހޮވާ ފަރާތަށް ލިބޭނެ ކަމަށް އުސޫލުގައިވެއެވެ.
ރަށުން ރުއްގަސް ކެނޑުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު