ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމުގެ ގޮތުން ސަރުކާރުން ޤާއިމްކޮށްފައިވާ މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިޢުލާން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރާއި، ކުޅުދުއްފުށި އަދި އައްޑޫ ސިޓީގެ ޕޯޓުތައް ލޮޖިސްޓިކަލީ ގުޅުވައިދޭ “އެންކާ” ނެޓްވޯކަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ނިޒާމު ހިންގުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މައިގަނޑު ދައުރެއް އަދާކުރި ނަމަވެސް، އަމިއްލަ ވިޔަފާރިތަކަށް މި ނެޓްވޯކްގެ ތެރެއިން އައު ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއި މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއަށް ބޭނުންވާ މުދަލާއި ކާބޯތަކެތި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑްރައި އަދި ވެޓް ސްޓޯރޭޖްތައް ޤާއިމްކުރުމުން، އާބަން ސެންޓަރުތަކުގެ އިތުރުން ކުދި ރަށްރަށަށްވެސް މުދާ ލިބުމުގައި ބޮޑެތި ފަސޭހަތަކެއް ވެގެންދާނެއެވެ. ހަމައެއާއެކު، ރާއްޖެއަށް ބޭނުންވާ ތެލާއި ގޭހުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމު އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން ކަށަވަރުކުރަމުންދާ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
މިގޮތުން، ރާއްޖޭގެ ތިން ސަރަޙައްދެއްގައި އެއް އަހަރު ދުވަހުގެ ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި، މިއީ ޤައުމުގެ ހަކަތައިގެ ރައްކާތެރިކަން ދަމަހައްޓަން އެޅޭ ވަރުގަދަ ފިޔަވަޅެއް ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު