ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ސޯލާ ސިޓީ މަސައްކަތް ދެ އަހަރުން ނިންމާލެވޭނެ

Minister Thoriq ibrahim

ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ މަޝްރޫޢު ކަމުގައިވާ ފްލޯޓިން ސޯލަރ މަޝްރޫޢު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތް މިހާރު ބާރު މިނެއްގައި ކުރިއަށްދާ ކަމަށެވެ.

މާލެ ސަރަހައްދުގައި ޤާއިމްކުރާ ސޯލާ ސިޓީ އަކީ ސަރުކާރުގެ އެސްއީޒެޑް މަޝްރުޢޫތަކުގެ ތެރެއިން ފުރަތަމަ މަޝްރޫޢުއެވެ. ސޯލާ ސިޓީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، މާލެ ސަރަހައްދުގައި ކުޑަބަނޑޮހުގެ އިރުން އޮތް ސަރަހައްދުގައެވެ. މި މަޝްރޫޢުއަށް މިހާރު ހުއްދަ ދެވި މަސައްކަތް ކުރަމުންދާއިރު، މި މަސައްކަތް ކުރާނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ މިމަޝްރޫއުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މިއީ ހަކަތަކައިގެ ރަށްކާތެރިކަން ކަށަވަރުކުރެވޭނެ މަޝްރޫޢުއެއް ކަމަށް ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

“މި ސިސްޓަމަކީ ޔޫޓިލިޓީ ސްކޭލް ސިސްޓަމެއް. ރާއްޖޭގައި މިހާރުވެސް ކަރަންޓު އުފައްދަނީ ވަރަށް ބޮޑު ސަބްސިޑީ ދީގެން. މި ޕްރޮޖެކްޓުގެ ސަބަބުން އެނާޖީ ސެކިއުރީޓީ ލިބިގެންދާނެ. މިވަގުތު މާލޭގައި ލޯޑަކީ 120 މެގަވޯޓު ގާތްގަޑަކަށް. އެ މައްޗަށް އަރަމުން މިދަނީ. މިކަހަލަ ސިސްޓަމެއްގައި ވަރަށް ބޮޑަށް އެނާޖީ ސެކިއުރިޓީ އިތުރުވެގެންދާނެ.” ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ތެރެއިން ހަމައެކަނި ސޯލާ ހަކަތަ އުފެއްދުމަށް ފްލޯޓިން ސޯލަރ ޕެނަލް ޤާއިމްކުރަނީ ނޫން ކަމަށާއި، މުޅި ނިޒާމު އެއްކޮށް ހިންގުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާޢިމްކުރެވޭނެ ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޓްރާންސްފޯމަރުތަކާއި، ނިޒާމުން އުފައްދާ ކަރަންޓު ރައްކާކުރުމަށް ބެޓަރީ ސްޓޯރޭޖްގެ އިތުރުން އުފައްދާ ކަރަންޓު މާލޭގެ ގްރިޑާއި ގުޅާލުމަށް ސަބްމެރިން 4.5 ކިލޯމީޓަރުގެ ކަރަންޓު ސަބްމެރިން ކޭބަލެއް އަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި ކޭބަލް މާލޭގެ ކަރަންޓު ގްރިޑާއި ގުޅާލާނީ ހުޅުމާލެއާއެވެ،

މި މަޝްރޫޢުއަކީ ރާއްޖޭގައި ބޭރުގެ ފަރާތަކުން އިންވެސްޓްކޮށްގެން ހިންގާ މަޝްރޫޢުއެއް ކަމުން، މަޝްރޫޢުގެ ތެރެއިން އުފައްދާ ކަރަންޓު ޕަވަރ ޕާޗޭޒިން އެގްރިމެންޓެއްގެ ދަށުން ސްޓެލްކޯއަށް ގަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު އެގްރިމެންޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަސައްކަތް 2 އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

“މި މަސައްކަތް މިހާރު ކުރިއަށް މިދަނީ. އަޅުގަނޑުމެން މި ބަލަނީ ބޮޑު މަސައްކަތެއްވީމަ އެއްވެސް ކަހަލަ އިޝޫއެއް ނެތި. ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް. ރާއްޖޭގައި އަލައް ކުރާ ކަމެއް ކަރަންޓަށް ސަބްމެރިން ކޭބަލް އެޅުމާއި މިކަހަލަ ބޮޑު މަސައްކަތް ކުރުން. އެހެންވީމަ އެލޯންގް ދަވޭ. ޓެކްނިކަލް އެއްވެސް މައްސަލައެއް ނުޖެހި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވިއްޖެއިއްޔާ އަޅުގަނޑުމެންނަށް ނިންމާލެވޭނެ ދެ އަހަރެއްގެ ތެރޭގައި.” ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ އިތުރުންވެސް ރާއްޖޭގެ އެހެން ރަށްތަކުގައި ސޯލަރ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާރުވެސް ބައެއް ރަށްތަކުން ސޯލާ ނިޒާމު ޤާއިމްކުރުމަށް ޖާގަ ނުލިބޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެކަމަށް ހައްލު ހޯދުމަށް ރަށްތަކުގައި ސޯލަރ ނިޒާމު ޤާއިމް ކުރުމުގެ ފުރުސަތުވެސް އޮތް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ 2028 ނިޔަލަށް ރާއްޖޭގެ އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަހުރެއް: ރައީސް

Shukoor

ޢަބްދުއްޝަކޫރު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

Shukoor

ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުއްޝަކޫރު ނިޔާވެއްޖެ

IMG

ހަނގުރާމައާ ގުޅިގެން ކާބޯތަކެތި ލިބުމުގައި ރާއްޖެއަށް އެއްވެސް ދައްޗެއް ނެތްކަމުގެ ޔަގީންކަން ސައީދު ދެއްވައިފި