ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)ގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތް ފަށައިފިއެވެ.
މި މިކަމަށްޓަކައި ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
މި ހައުސިންގ ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެމްއެމްއޭ އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ، އައިއެންއޭއެޗުގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ޙާސިލް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާޓްމަންޓުތަކެކެވެ.
މި މަޝްރޫޢުގައި ދޫކުރާ ޔުނިޓުތަކަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ސީއެމްސީއަކީ، ހުޅުމާލޭ ފޭސް 2 ގައި ވިނަރެސް ފްލެޓްތައް ވެސް އިމާރާތްކުރި ކުންފުންޏެވެ.
ބީއެމްއެލްގެ ހައުސިން މަޝްރޫޢުގެ ޔުނިޓްތައް އިމާރާތްކުރާނީ، މިދާއިރާގައި ފާހަގަކުރެވޭ ބައިނަލްއަޤުވާމީ އަދި ރާއްޖޭގެ ކުންފުނިތަކުންނެވެ. އެގޮތުން ސީއެމްއީސީގެ އިތުރުން މި މަޝްރޫއުގެ ފްލެޓްތައް އިމާރަތްކުރާ ކުންފުނިތަކަކީ، ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)، އަދި ރާއްޖޭގެ ކުންފުނިތައް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.
މި މަޝްރޫޢުތައް ނިމުމުން ހުޅުމާލެ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު