ޔަހޫދީ އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ސަރަޙައްދުގެ އަމަންއަމާންކަމާއި ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
އިސްރާއީލުން އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑާ ގުޅުވާފައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތައް ވެސް ދިވެހި ސަރުކާރުން ކުށްވެރިކުރިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ސަރަހައްދު އިތުރަށް ހަލަބޮލިވެ، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ނުރައްކާ އިތުރުވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މީގެއިތުރުން ސަޢޫދީ ޢަރަބިއްޔާ، ޔޫއޭއީ، ޤަތަރު އަދި ކުވައިތުގައި ހުންނަ ހަކަތައިގެ ވަސީލަތްތަކަށް އީރާނުން ދިން ހަމަލާތައް ވެސް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ.
މިފަދަ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުން އިތުރަށް ބަލިކަށިވާނެކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
“ތެޔޮ އިންސްޓޯލްމަންޓްތަކާއި، ޑީސެލިނޭޝަން ޕްލާންޓްތަކާއި، އެއާޕޯޓްތައް ފަދަ މުހިންމު ތަންތަން ހިމާޔަތް ކުރުމުގެ މުހިއްމުކަން މީގެ ސަބަބުން ހާމަވޭ،” ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު