ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، ދެ ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު “މުޅިރާއްޖެ” އަށް ވިދާޅުވީ ފުލުހުންގެ ވަޒީފާގައި ތިބި ދެ މުވައްޒަފަކު ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، އެމީހުންގެ މައްޗަށް މިމަހުގެ ތިންވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.
“ކޯޓުގެ މި ހުކުމާ ގުޅިގެން، އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ވަނީ ނިންމާފައި، އަދި މިކަމާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިދާރީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،” އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންގެ ވަޒީފާގައި ތިބޭ މުވައްޒަފުން ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ގަވާއިދުތަކާ ހިލާފުވާ ނަމަ، އެ ފަރާތްތަކާ މެދު ފުލުހުންގެ އިދާރާއިން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.
ހާއްސަކޮށް ޖިނާއީ ކުށްތަކުގައި ބައިވެރިވާކަން ކޯޓުތަކުން ސާބިތުވާ ހާލަތްތަކުގައި، ވަޒީފާއިން ވަކިކުރުމަކީ އެ މުއައްސަސާއިން އާންމުކޮށް އަމަލުކުރަމުން އަންނަ އުސޫލެވެ.
އެ މައްސަލައިގައި ކުށް ސާބިތުވި ދެ މުވައްޒަފުންނަކީ ކޮން މަގާމެއްގައި ތިބި ދެ މީހެއްކަމާއި، އެމީހުންގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ މައްސަލައާ ގުޅުންހުރި އިތުރު ތަފްސީލެއް ވެސް ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު