މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން، އައިސް އުފެއްދުމަށް ކުރަން ޖެހޭ ހޭދަ ބޮޑުވެ، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފިއެވެ.
އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގައާއި ރާއްޖޭގެ ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް ތެލުގެ އަގު އިންތިހާއަށް ބޮޑުވަމުން ދިޔުމުގެ ސަބަބުން އައިސް އުފެއްދުމަށާއި ފޯރުކޮށްދިނުމަށް ހިނގާ ޚަރަދު މިހާރު ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑު ބުރައަކަށް ވެފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން މިމަހުގެ އެކަކުން މިމަހުގެ 16 ވަނަ ދުވަހާ ދެމެދު ތެލުގެ އަގު ދެ ފަހަރެއްގެ މަތިން ބޮޑުވެ، ޖުމްލަ 111 އިންސައްތައިގެ ބޮޑު އިތުރުވުމެއް އައިސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މަސް ޕްރޮސެސްކޮށް، އެކްސްޕޯޓުކުރުމުގެ ވިޔަފާރީގައި އެންމެ ބޮޑު ޚަރަދެއް ހިނގަނީ ތެލަށް ކަމަށް ވެފައި، ތެލުގެ އަގު އެހާ ބޮޑަށް އުފުލުމުން އެ ވިޔަފާރި ކުރިއަށް ގެންދަންޖެހެނީ ބޮޑު ގެއްލުމެއްގައި ކަމަށް ވެސް އެންސިސް އިން ބުންޏެވެ.
އެހެންކަމުން ބޮޑުކަންނެލީގެ މަސްވެރިންނަށް އެ ކުންފުނިން ހިލޭ ފޯރުކޮށްދެމުންދިޔަ އައިސް، ދޫކުރުން ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށް އެންސިސް އިން ބުންޏެވެ. އަދި އެއީ އައިސް، އުފެއްދުމުގެ އޮޕަރޭޝަނަލް ޚަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ކުންފުނީގެ ދެމިއޮތުމަށްޓަކައި މިވަގުތަށް އަޅަންޖެހޭ ކޮންމެހެން މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެންސިސްއިން ވަނީ އެ ނިންމުމުގެ ސަބަބުން މަސްވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.
އަދި ތެލުގެ އަގަށް އަންނަ ބަދަލުތަކަށް ބަލައި، ކުރިއަށް އޮތް ތަނުގައި އެ ޚިދުމަތް އަލުން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް އެ ކުންފުނިން މެދުކެނޑުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެންސިސްއިން ވަނީ މަސްވެރިންނަށް ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު