ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދު ވިޔަފާރިތައް ތަރައްގީ ކުރުމަށް ހާއްސަކޮށްގެން 2019 ގައި ގާއިމްކޮށްފައިވާ އެސްޑީއެފްސީ، މިހާރުގެ ނަމުންނަމަ އެސްއެމްއީ ޑިޖިޓަލް އަށް 7 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު، ފާއިތުވެދިޔަ ހަތް އަހަރު ދުވަހުތެރޭ ރާއްޖޭގެ 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ އެއް މުއައްސަސާ ގޮތުގައި އެސްއެމްއީ ޑިޖިޓަލް އިން ހަރަކާތްތެރިވަމުން އަންނަ އިރު މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށެއްގެ ކުދި ވިޔަފާރިތަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައިއެވެ.
2019ވަނަ އަހަރު 5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރަން ފެށި މި މުއައްސަސާއިން، މިހާރު ވަނީ ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. މިއީ ވިޔަފާރީތަކަށް އެކި މަރުހަލާތަކުގައި ބޭނުންވާ ފަދަ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ. މި މާލީ ނިޒާމަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތައް ކުރިއަރުވައި، އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައިދީ ބާރުވެރިކުރުވުމަށްޓަކައި ގާއިމްކޮށްފައިވާ ފުރިހަމަ އިންތިޒާމެކެވެ.
އެސްއެމްއީ ޑިޖިޓަލްގެ ޕްރޮޑަކްޓްތައް ބައްޓަންކޮށް ފައިނޭންސް ފޯރުކޮށްދޭ ދާއިރާތަކަށް ބަލާއިރު؛
- އަލަށް ފަށާ ވިޔަފާރިތަކާއި އަންހެން ވިޔަފާރިވެރިން
- ހިނގަމުންދާ ވިޔަފާރިތައް ތަރައްގީ ކުރުމަށް ހާއްސަ މާލީ އެހީތެރިކަން
- ފަތުރުވެރިކަމާއި ގެސްޓްހައުސް ދާއިރާ އިތުރަށް ފުޅާކުރުން
- ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ކުދި ވިޔަފާރިތައް ބާރުވެރިކުރުމަށް ހިންގޭ ތަފާތު ސްކީމްތައް
އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފަސޭހައިން ލިބޭ ކުދި ފައިނޭންސިންގ ފުރުސަތުތަކުގެ އެހީގައި އާ ހިޔާލުތައް އާމްދަނީ ލިބޭ ފަދަ ވިޔަފާރިތަކަށް ބަދަލުވެ ޒުވާނުންނަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ވަނީ ބޮޑެތި މަންފާތަކަށް ލިބިގެން ގޮސްފައިއެވެ. މީގެ އިތުރުން، އަންހެން ވިޔަފާރިވެރިން އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް، އެސްއެމްއީ ޑިޖިޓަލް އިން ވަނީ މާލީ މިނިވަންކަން ކަށަވަރުކޮށްދޭނެ ހާއްސަ ފައިނޭންސިންގ ސްކީމްތަކެއް އެކުލަވާލާފައިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް ބައްޓަންކޮށްފައިވަނީ ހުރިހާ ސިނާއަތްތައް ހިމެނޭހެންކަމުން އެކި ދާއިރާތަކަށް ބޭނުންވާފަދަ މާލީ އެހީތެރިކަން ފޯރުކޮށްދެވެއެވެ. އެހެންކަމުން މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ކަނޑުއުޅަނދުފަހަރާއި މުދާ އުފުލާ ބޯޓުފަހަރު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ އުސޫލުތަކެއްގެ ދަށުން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެއެވެ.
ކުރިއަރަމުން އަންނަ ޑިޖިޓަލް އިގްތިސާދަށް ބަލާއިރު، ކޮންޓެންޓް ކްރިއޭޓަރުންނާއި، ފޮޓޯގްރާފަރުން އަދި ޑިޖިޓަލް ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ބޭނުންވާ ސާމާނާއި ޓެކްނޮލޮޖީ ހޯދުމަށްވެސް ފައިނޭންސިންގ ފޯރުކޮށްދެއެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަން ކަމުގައިވާއިރު، މިދާއިރާގައި ގެސްޓްހައުސްތައް އިމާރާތްކުރުމަށާއި މިހާރު ހިނގަމުންދާ ގެސްޓްހައުސްތައް އިތުރަށް ފުޅާކުރުމަށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ އިންތިޒާމު ދާދިފަހުން ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުންވެސް ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ކުދި ވިޔަފާރިތައް ބާރުވެރިކުރުވުމާއި އަންހެންނުން އިސްވެ ހިންގާ ވިޔަފާރިތަކަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ތަފާތު އެކި މާލީ އެހީ ވަނީ ފޯރުކޮށްދީފައިއެވެ.
ކުންފުނީގެ މިހާރު އެންމެ އިސް އަމާޒަކީ އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރާ، އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ފައިނޭންސިންގގެ ހިދުމަތްދޭ މުއައްސަސާއަކަށް ބަދަލުވުމެވެ. މި ލަނޑުދަނޑި ހާސިލްކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ވޭތިވެދިޔަ 5 މަސް ދުވަސް ތެރޭގައި އިދާރާގެ ހުރިހާ ހިދުމަތްތަކެއް ޝަރީއާގެ އުސޫލުތަކަށް ބަދަލުކޮށް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކެއް ތައާރަފުކޮށްފައިވެއެވެ.
މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ކުރިން ދޫކޮށްފައިވާ ލޯނުތައް އިސްލާމިކް ފައިނޭންސިންގ އުސޫލަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށާފައިއެވެ.
އެސްއެއްމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އެސްއެމްއީ ޑިޖިޓަލް އިން ފާއިތުވީ 7 އަހަރު ދުވަހު މަސައްކަތް ކޮށްފައިވަނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީ ވިޔަފާރިތަކާ ގާތުން ކަމަށެވެ. އެގޮތުން 4000 އަށް ވުރެ ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ ހައްލު ފޯރުކޮށްދީ އެ ވިޔަފާރިތަކުގެ ތަރައްގީގެ ބައިވެރިއެއް ގޮތުގައި ހަރަކާތްތެރިވީ ފަހުރުވެރިކަމާ އެކު ކަމަށް ވިދާޅުވިއެވެ.
ނަތީޖާއެއްގެ ގޮތުން، އެސްއެމްއީ ޑިޖިޓަލްގެ މާލީ އެހީއާ އެކު ގިނަ ދާއިރާތަކުން ވިޔަފާރީގެ އާ ފެށުންތަކެއް ފެށިއްޖެ. ޒުވާނުން ވިޔަފާރީގައި ހަރަކާތްތެރިވުމާއި އާމްދަނީ ހޯދޭނެ ގޮތްތަކެއް މަގުފަހިކޮށްދެވިއްޖެ. އަންހެނުންނަށް ހާއްސަކޮށްގެން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ ސަބަބުން އަންހެނުންނަށް މާލީގޮތުން މިނިވަންކަން ލިބި އާއިލާތަކަށް ގަދަރުވެރި ދިރިއުޅުމެއް އުޅޭނެ މަގު ތަނަވަސްކޮށްދެވިއްޖެ. ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތައް ފުޅާކުރުމަށް ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ރާއްޖޭގެ އިގްތިސާދުގައި ކުދި ވިޔަފާރީގެ ހިއްސާ ކުރިއަށް ވުރެ ބޮޑަށް އިތުރު ކޮށްދެވިއްޖެ” އެވެ.
މުސްތަގުބަލާ މެދު އަޅުގަނޑުމެން ކުރާ އުންމީދު ބޮޑު. އަޅުގަނޑުމެން ހީވާގީ މުވައްޒަފުންގެ ބައިވެރިވުމާއި އެކު ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކޮށް، ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް މުއައްސަސާއަށް ވުމަށް އަޅުގަނޑުމެން މިވަނީ އަޒުމް ކަނޑައަޅާފަ” އެވެ.
ގައުމުގެ އިގްތިސާދު ފުޅާވަމުންދާ މި ދަނޑިވަޅުގައި، ހުރިހާ ފަރާތްތަކަކަށްވެސް ހަމަހަމަކަމާއެކު އިގްތިސާދީ މަންފާ ލިބިދިނުމުގައި ކުންފުނިން އަދާކުރަނީ ވަރަށް މުހިންމު ދައުރެކެވެ. ވިޔަފާރިވެރިންނަށް ބޭނުންވާ އެކި ބާވަތުގެ ފައިނޭންސިންގ ޕްރޮޑަކްޓްތައް ބަލައިލުމާއި، އެއަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މިހާރު އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު