ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސްޓެލްކޯ ފުލެޓު ސަރަހައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް ގާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން ފަށައިފި އެވެ.
އެޗްޑީސީން ބުނީ އެ މަޝްރޫއުގެ ސަބަބުން ސްޓެލްކޯ ފުލެޓު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކަސްރަތުކުރުމަށާއި، ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް ބިނާކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިނޫނަސް އެޗްޑީސީން އަންނަނީ ހުޅުމާލެ ފޭސް ދޭއްގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް ހިތްފަސޭހަ މާހައުލުތަކެއް ގާއިމްކުރުުމުގެ މަސައްކަތްތައް ކުރިޔަށްގެންދަމުންނެވެ.
އޭގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވަމުންދިއުމާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް، އެޗްޑީސީގެ އާ މާސްޓާ ޕްލޭންގެ ދަށުން ތަފާތު ގިނަ މަސައްކަތްތައް ކުރިޔަށްގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައި ފުރަތަމަ އައުޓްޑޯ ޖިމް ހުޅުވައިފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. ޖިމް ހަދާފައިވަނީ ހިޔާ ޓަވަރުތައް ކައިރީ އޮންނަ ޓާފްދަނޑާ ކައިރީގައެވެ.
ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު