ނ. މަނާދޫގައި އަނިޔާވެރިގޮތަކަށް ނައީމާ މޫސާގެ މަރާލި މައްސަލައިގައި ދައުވާ ކޮށްފައިވާ ހަސަން ފަވާޒްގެ ސިއްހީ ހާލަތު ހުރި ގޮތުން، އޭނާ ޝަރުތުތަކާއެކު ޖަލު ބަންދުން މިއަދު ދޫކޮށްލައިފިއެވެ.
ނައީމާ މޫސާ ދިރިއުޅޭ ގޭގައި މަރާލާފައި އޮއްވައި ފެނުނީ އޭޕްރިލް 7، 2023ގައި އެވެ.
އެ މައްސަލައިގައި ފަވާޒުގެ މައްޗަށް، ނޮވެންބަރު 30، 2023ގައި ވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާކޮށްފައެވެ.
އެ މައްސަލައިގައި ފަވާޒްގެ އިތުރުން، މަނަދުއަށް ނިސްބަތްވާ އަހުޒަމް އަބްދުލްޝަކޫރާއި ޢަބްދުލްވާޙިދު ރިފާސްއަށް ވެސް ވަނީ އެ ދައުވާތައް ކޮށްފައެވެ.
މިހާތަނަށް ފަވާޒު ހުރީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައެވެ.
ޕީޖީ އޮފީހުން ބުނީ، ފަވާޒްގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ފަވާޒްގެ ބަލި ހާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި، ބަލީގެ ހައްސާސްކަމަށް ރިޢާޔަތްކޮށް، ގާނޫނުއަސާސީން ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށް އަޅާ ޚާއްސަ ފިޔަވަޅެއްގެ ގޮތުން، ޝަރުތުތަކާއެކު އޭނާ ބަންދަށް ލުއިދިނުމަށް އެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ ޝަރުތުތަކަކީ:
1. ބަންދުން ދޫކޮށްލާފައި ހުންނައިރު ގާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުން.
2. ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުން.
3. ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން.
4. ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ހާލަތް ފިޔަވައި އެނޫން ހުރިހާ ހާލަތެއްގައި، ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން.
5. މާލެއިން ބޭރަށް ނުދިއުން.
6. މައްސަލާގައި ހެކިބަސްދޭނެކަމަށް ގަބޫލުކުރެވޭ އެއްވެސް މީހަކާ މުޢާމަލާތު ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުން.
7. ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު މި އޮފީހަށާއި، ކްރިމިނަލް ކޯޓާ ހިއްސާކުރަމުންދިއުން.
އެ ޝަރުތުތަކަށް ފަވާޒް އެއްބަސްވެފައިވާތީއާއި، އޭނާގެ ބަލި ހާލަތަށް ރިޢާޔަތްކޮށް، ޕީޖީ އޮފީހުން އެދިފައިވާގޮތަށް ގޮތަށް އޭނާ ޝަރުތުކޮށްފައި ބަންދުންދޫކޮށްލުމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު