އީރާނުގެ ރައްދު ހަމަލާތައް ވަރުގަދަވެ، ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ގެއްލި، ޔޫއޭއީން އެގައުމުގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފިކަން އިއުލާން ކޮށްފިއެވެ.
ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގައުމުގެ ވައިގެ ސަރަހައްދު ވަގުތީގޮތުން އެއްކޮށް ބަންދުކޮށްފައިވާ ކަމަށެވެ.
ވައިގެ ސަރަހައްދު ބަންދުކުރި ސަބަބެއް ކަމަށް ބުނެފައިވަނީ، ޔޫއޭއީގެ ވައިގެ ސަރަހައްދުން ދަތުރުކުރާ މަތިންދާ ބޯޓުތަކާއި، އެއަރ ކްރޫންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި އަދި ޔޫއޭއީގެ ސަރަހައްދުގެ ހިމާޔަތަށް ކަމަށެވެ.
އީރާނުން ހޯމަ ދުވަހުގެރޭވެސް ވަނީ ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
ޔޫއޭއީ ސަރުކާރުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް ވައްޓާލަން އެއަރ ޑިފެންސުން ވަރުގަދަ އަދި ކާމިޔާބު މަސައްކަތްތަކެއް ކުރި ކަމަށެވެ.
އީރާނުގެ ހަމަލާތައް ޔޫއޭއީގެ އެކި ހިސާބުތަކަށް އަމާޒުކުރިއިރު، ދުބާއީއަށްވެސް އެތައް ހަމަލާއެއް އަމާޒުވިއެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ޔޫއޭއީން ހާމައެއް ނުކުރެއެވެ.
އީރާނުން ތަކުރާރުކޮށް ގޮވާލަމުން ދިއުމާއެކުވެސް ޔޫއޭއީން ގެންދަނީ، އީރާނަށް ހަމަލާ ދިނުމަށް ޔޫއޭއީގެ ސަރަހައްދުތައް ބޭނުން ކުރުމުގެ ފުރުސަތު އެމެރިކާއަށް ދެމުންނެވެ.
އީރާނުން މިހާރު ރައްދު ހަމަލާތައް ދެމުންދާ، ޔޫއޭއީގެ މައިގަނޑު ސަރަހައްދުތަކަކީ އީރާނަށް ހަމަލާދޭން އެމެރިކާ ސިފައިންގެ ޖެޓުތަކާއި އަދި މިސައިލްތައް އުދުއްސާލާ ތަންތަނެވެ.
ޔޫއޭއީގެ އިތުރުން، މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެމެރިކާ ސިފައިންގެ އެންމެ ބޮޑު އަސްކަރީ ބޭސް ކަމަށްވާ ގަތަރުގެ އަލް އުދައިދް އެއަރ ބޭސްއަށްވެސް އީރާނުން ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހޯމަދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއް ދީފައި ވެއެވެ.
ގަތަރުގެ ޑިފެންސް މިނިސްޓްރީން ބުނީ، އީރާނުން ފޮނުވި 14 މިސައިލްގެ ތެރެއިން 13 މިސައިލް ކާމިޔާބު ކަމާއެކު ވައްޓާލެވުނު ކަމަށާއި، އެތައް ޑްރޯންއެއްވެސް ވައްޓާލި ކަމަށެވެ.
އީރާނުން ހޯމަދުވަހުގެރޭ ވަނީ ސައުދީ އަރަބިއްޔާއާއި، ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށްވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު