ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެލޭޝިޔާގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Iu

މެލޭޝިޔާގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މެލޭޝިޔާގައި ބާއްވާ 66 ވަނަ “މެލޭޝިއާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ” ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހީންނަށް ހުޅުވާލިކަން ހާމަކުރީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރި އިޢުލާނެއްގައެވެ.

އެ އިއުލާނުގައި ބުނެފައިވަނީ 2026 އޮކްޓޫބަރު 4 އިން 10 އަށް މެލޭޝިއާގެ ކުއަލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 66 ވަނަ “މެލޭޝިއާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ” ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

މިއީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. އެއީ މުޅި ޤުރުއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ބަޔާއި، މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ކެޓަގަރީއެވެ.

މީގެ ތެރެއިން މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީގައި ބައިވެރިވެވޭނީ ޢުމުރުން 13 އަހަރުފުރި، 25 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި މުޅި ޤުރްއާން އެއްކޮށް ހިތުދަސްކޮށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ކިޔައިދީ ސަނަދު ޙާޞިލުކުރައްވާފައިވާ ޙާފިޡަކަށްވާންޖެހޭނެއެވެ. އައްޝައިޚް މިންޝާވީ ނުވަތަ އައްޝައިޚް އަބްދުލް ބާސިތުގެ މުރައްތަލް ކިޔެވުމުގެ ވައްޓަފާޅިއަށް ކިޔަވަން އެނގޭ ފަރާތަކަށް ވާންޖެހޭނެއެވެ.

މީގެ އިތުރުން މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ކެޓެގަރީގައި ބައިވެރިވެވޭނީ ޢުމުރުން 18 އަހަރުފުރި، 50 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި މުޅި ޤުރްއާން އެއްކޮށް ބަލައިގެން ފަރިތަކަމާއެކު، ތަޖުވީދުގެ ހަމަތަކުގެމަތިން 2 މަޤާމާތަށް މުޖައްވަދުކޮށް ކިޔަވަން އެނގޭ ފަރާތަކަށްވާންޖެހޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ އާންމު ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ކުރީގައި މި މުބާރާތުގައި ބައިވެރިވެ އެއްވަނަ ހާސިލުކޮށްފައިވާ ފަރާތަކަށްނުވުން އަދި މި މުބާރާތުގައި ފާއިތުވެދިޔަ 3 އަހަރު ބައިވެރިވެ، މުބާރާތުގައި ކިޔަވާފައިވާ ފަރާތަކަށްނުވުން ހިމެނެއެވެ.

ދެ ޖިންސަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މި މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ އަންހެން ބައިވެރިއަކާއި އަދި ފިރިހެން ބައިވެރިއަކާއި އެކު، ޖުމްލަ 2 ބައިވެރިންނެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިކުރުމަށް ކޮންމެ ކެޓެގަރީއަކުން ހޮވާނީ އެންމެ ބައިވެރިއެކެވެ.

މި މުބާރާތަށް ކޮންމެ ކެޓަގަރީއަކުން ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ. މިގޮތުން އިމްތިޙާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެ ކަމަށާއި، ޙިފްޡުކޮށް ކިޔެވުމުގައި ބައިގައި ޙިފްޡުގެ ފެންވަރަށްވެސް ރިޢާޔަތްކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އަދި މުބާރާތުގައި ބައިވެރިކުރުމަށް އެ މަރުކަޒުން ހޮވުމަށްފަހު ހުށަހަޅާ 2 ބައިވެރިން، މުބާރާތް އިންތިޒާމުކުރާ ފަރާތުން 3 އިން 8 މެއި 2026 އަށް ބާއްވާ އޮންލައިން ސްކްރީނިންގ ގައި ބައިވެރިވާންޖެހޭނެ ކަމަށާއި، މިއީ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ހުރިހާ ބައިވެރިންނަށް ބާއްވާ ކޮލިފައިންގ ބުރެއް ކަމަށް އެ މަރުކަރުން ބުނެއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރި އިޢުލާނުގައިވާ ގޮތުން މުބާރާތުގައި ކިޔެވުމަށް މެލޭޝިއާއަށް ގެންދާނީ މި ކޮލިފައިންގ ބުރުން ފާސްވާ ބައިވެރިންނެވެ. އޮންލައިން ސްކްރީން އޮންނަ ދުވަހާއި ގަޑިއާއި ބައިވެރިވާންޖެހޭ ގޮތް ކަނޑައަޅައި ކޮންމެ ބައިވެރިއަކަށްވެސް އަންގާނީ މުބާރާތް އިންތިޒާމްކުރާ ފަރާތުންނެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 20 މާރިޗު 2026 ވާ ހުކުރު ދުވަހުގެ 15:00 ގެ ކުރިން މި ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މައްކާގައި ބާއްވާ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި