ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ އަތުލައިގަނެ، ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ތަކެތި އަތުލައިގަނެފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެ ޕޮލިސްގެ އޮޕަރޭޝަނަލް ސަޕޯޓާއެކު މިމަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ލޮޓެއް ބަލައި ފާސްކޮށްގެން ކަމަށެވެ.
އެ ތަން ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 40 ފުޅި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން، އެ މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ނަޒްމުލް ހަސަން (27އ) ކަމަށެވެ. އޭނާ ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
އޮޕަރޭޝަންގެ ތެރެއިން، ތުހުމަތު ކުރެވޭ މީހާއާ ގުޅުންހުރި ކަމަށް ބެލެވޭ ސައިކަލެއް ބަލައި ފާސްކުރިއިރު، އެ ސައިކަލުގެ މަޑިދަށުން ވެސް ބަނގުރާ ފެނިފައިވާކަމަށާއި އެހެންކަމުން އެ ސައިކަލުވަނީ ތަހުގީގުގެ ބޭނުމަށް ޓޯ ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ނަޒްމުލް ހަސަން މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު