ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އިހުސާސްކުރެވޭ ހޫނުމިން މަތިވަމުންދާތީ، ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުން ހޫނުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ މިދުވަސްވަރު ހޫނުގަދަވުމުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ވަކިން ހާއްސަކޮށް ތުއްތު ކުދިންނާއި، ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުން، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ބޭރު ތެރޭގައި މަސައްކަތްކުރާ މީހުން މިދުވަސްވަރު އިތުރަށް ސަމާލުވާންޖެހޭ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ހޫނުން ރައްކާތެރިވުމަށް އެޗްޕީއޭއިން ދީފައިވާ ބައެއް މުހިންމު އިރުޝާދުތައް:
- އިރުގެ ދޯދިތަކުން ރައްކާތެރިވުން: ހެނދުނު 10 އަކުން ހަވީރު 4 އަކާ ދެމެދު ސީދާ އަވީގައި އުޅުން ވީހާ ވެސް މަދުކުރުން.
- ފެން ބުއިން: ރޯދަމަސް ކަމަށްވުމާއެކު، ރޭގަނޑު ރޯދަ ވީއްލާ ވަގުތުން ފެށިގެން ހާރުވަގުތާ ހަމައަށް ގިނައިން ދިޔާ ތަކެތި ބޭނުންކުރުން.
ހެދުން އެޅުން: ލުއި، ދޫ ހެދުން އެޅުމާއި، ބޭރުގައި އުޅޭއިރު ހިޔާލިބޭ ފަދަ ތަންތަން އިހްތިޔާރުކުރުން.މީގެ އިތުރުން، ހޫނު ގަދަވުމުގެ ސަބަބުން ހީޓް ސްޓްރޯކް ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރި ވެދާނެތީ، ހަށިގަނޑުން ފެންމަދުވުމުގެ އަލާމާތްތަކަށް ސަމާލުވުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. މިގޮތުން މާބޮޑަށް ވަރުބަލިވުން، ބޯއެނބުރުން، ނުވަތަ ހުން އައުން ފަދަ ކަމެއް ފާހަގަކުރެވޭ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އާދަޔާ ހިލާފަށް ހޫނުގަދަވެ މި ދުވަސްވަރު ހޫނުމިން ބައެއް ވަގުތުތަކުގައި 35 ޑިގްރީސެލްސިއަސް އަށް ވުރެ މައްޗަށްދާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު