އެމެރިކާއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނިއުދިއްލީގައި ބޭއްވި “ރައިސީނާ ޑައިލޮގް” އަދި “ސިނާޖިއާ ކޮންކްލޭވް” ނިންމަވާލެއްވުމަށްފަހު، އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ދިއްލީގައި ބޭއްވި މި ދެ ފޯރަމްގައި ބަދަލުކުރެވުނު ހިޔާލުތަކާއި މަޝްވަރާތަކާމެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް، އެ ބައްދަލުވުންތަކުގެ ތެރެއިން އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ކްރިސްޓޮފާ ލަންޑައު ދެއްކެވި ވާހަކައިން ވަރަށް ބޮޑު ސިހުމެއް ލިބިވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ލަންޑައު ވިދާޅުވެފައިވަނީ، މީގެ 20 އަހަރު ކުރިން ޗައިނާއާއެކު ކުރެވުނު ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާއަށް ހެދުނު ގޯސްތައް، އިންޑިއާއާއެކު ތަކުރާރު ނުކުރާނެ ކަމަށެވެ.
އަދި އެމެރިކާގެ މި ނިންމުމަކީ އިންޑިއާގެ އިގްތިސާދު ކުރިއަރައި، އެ ގައުމުގެ މިލިއަނުން ގުނޭ ރައްޔިތުން ފަގީރުކަމުން އަރައިގަތުމަށް އެމެރިކާއިން ފުރުސަތު ނުދޭނެ ކަމުގެ އިޝާރާތެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. މިއީ އިންޑިއާ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު