މިއަހަރުގެ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އެ ދުވަސްތަކުގައި ސްޓެލްކޯގެ ސާވިސް ކައުންޓަރުތަކުން ޚިދުމަތް ދޭނެ ގަޑިތައް އެ ކުންފުނިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ‘އެކްސް’ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަމަޟާން މަހުގެ ފަހު 10 އެއްގައި އެ ކުންފުނީގެ ސަރވިސް ކައުންޓަރުތައް ހުޅުވިފައި ހުންނާނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. މިގޮތުން މާލެ އަދި ހުޅުމާލޭގެ ސަރވިސް ކައުންޓަރުތަކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 11:00 އިން މެންދުރު 13:00 އަށެވެ.
އަދި އަތޮޅުތެރޭގެ ރަށްރަށުގައި ހުރި އެ ކުންފުނީގެ ޕަވަރހައުސްތަކުން ޚިދުމަތް ދޭނީ ހެނދުނު 11:00 އިން މެންދުރު 12:00 އަށެވެ.
ސާވިސް ކައުންޓަރުތަކުން ޚިދުމަތްދޭ ގަޑިތަކަށް މި ބަދަލު އައި ނަމަވެސް، ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް މެދުކެނޑުމެއް ނެތި 24 ގަޑިއިރު ރައްޔިތުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކަސްޓަމަރުން އެއްވެސް ކަމަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރ ނަންބަރު 1545 އަށް ގުޅުއްވުމަށް ސްޓެލްކޯއިން އިލްތިމާސްކުރެއެވެ.ރަމަޟާން މަހުގެ ފަހު 10 އެއް ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވީ، އަޅުކަމަށް ފުރުޞަތު ދިނުމަށާއި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ މަޤްޞަދުގައެވެ.
ކިޔުންތެރިންގެ ހިޔާލު