މިއަހަރުގެ ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ފަހު ވަގުތު ދަތުރު ކެންސަލް ކުރި އަބްރާރު ގުރޫޕުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، މި ރޯދަ މަހު އުމްރާއަށް މީހުން ގެންދިއުމަށް ގްރޫޕަކުން ފައިސާ ނެގުމަށް ފަހު، ދަތުރު ކެންސަލްކޮށްފައިވާ ކަމުގެ ޝަކުވާ މިމަހުގެ 4 ވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އަބްރާރު ގްރޫޕުން އެންމެ ފަހު ވަގުތު އުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގެ ޝަކުވާ ލިބުމުން އެ މައްސަލަ މިނިސްޓްރީން އަންނަނީ ބަލަމުންނެވެ. އެގޮތުން ބެލި ބެލުމުން، އަލްއަބްރާރް ގުރޫޕުގެ ހަވާލުގައި އުމްރާ އަށް ފުރުމަށް ހަމަޖެއްސި 110 މީހުންގެ ދަތުރު މަގުބޫލު ސަބަބެއް ނެތި ކެންސަލްކޮށްފައިވާކަން އެނގިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން އެ ގުރޫޕަށް ދީފައިވާ ހުއްދަ މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިނިސްޓްރީން ވަނީ ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައެވެ.
މައްސަލަ އިތުރަށް ބެލުމަށްފަހު، އަބްރާރު ގުރޫޕާމެދު އުސޫލުގެ ތެރެއިން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު