މިދުވަސްކޮޅަކީ ހޫނު ގަދަ ދުވަސްކޮޅަކަށްވުމުގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކަށް ނުރައްކާތެރި މިންވަރަށް މިއަދު ވައި ނުސާފު ކަމަށް ވެސް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފިއެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، ވިލިމާލޭގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 144 ގައެވެ. އަދި މާލޭގައި އަމިއްލަ މީހަކު ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމަކުން ދައްކާ ގޮތުގައި، މާލޭގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 101 ގައެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމްތަކުން ދައްކާ ގޮތުގައި، ހުރިހާ ހިސާބަކަށް ވެސް މިވަގުތު ވައިގެ ކޮލިޓީ ހުރީ އެވްރެޖުކޮށް 69 އަށް ވުރެ މަތީގަ އެވެ.
އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުންނަ ނަމަ އެއީ މޮޑަރޭޓް ލެވަލް އެވެ. އެކަމަކު، އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ހާލަތެކެވެ. ހަމަމިއާއެކު، އެއާ ކޮލިޓީ އިންޑެކްސް 100 އަށް ވުރެ މަތިވެއްޖެ ނަމަ ހައި ރިސްކު މީހުންނަށް ނުރައްކާ ބޮޑުވެއެވެ.
ވައި ނުސާފުވުމުގެ އިތުރުން، މިއަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަރަށް ހޫނުވެސް ގަދަ ދުވަހެއް ކަމުގައި މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުގެ) ރިކޯޑުތަކުން ދައްކައެވެ.
އެގޮތުން މެޓް އޮފީހުން މިއަދު 11:00 ގައި ނެރުނު ފިނިހޫނުމިނުގެ ރެކޯޑްތައް ދައްކާ ގޮތުގައި، މާލޭގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.2 ޑިގްރީ ސެލްސިއަސްގައެވެ.
އާންމުކޮށް އެންމެ އަވިގަދަވަނީ މެންދުރު ފަހު 2:00 ގައެވެ. އިއްޔެ އެ ގަޑީގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު