ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ އިންތިޚާާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ ފައިދާ ބޮޑު: ޖާބިރު

jabir

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފައިދާ ބޮޑު ކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުالله ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހެންވޭރު އުތުރު ދާއިރާގައި މިއަދު ކުރިއަށްދިޔަ ދޮރުން ދޮރަށް ހަރަކާތުގެ މައުލޫމާތު ގެނެސް ދިނުމަށް އެމްއެމްޓީވީން މިއަދު ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖްގަައި ވާހަކަދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވި ގޮތުގައި މިދިޔަ ދުވަސްތަކުގައި ކުރެވިފައިވާ ތަޖުރިބާއަށް ބަލާއިރު ރިޔާސީ ދައުރު ފެށި ފުރަތަމަ ހަ މަސް ދުވަހު ރައީސުލްޖުމްހޫރިއްޔާ ހުންނަވަނީ ޕެރެލައިޒްވެފައި ނުވަތަ ޕެރެލައިޒް ކޮށްލާފައި ކަމަށެވެ. ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ ހަ މަސް ދުވަސް ހޭދަކުރެއްވީ މަޖިލީހުން އަމަލު ކުރި ގޮތުން ވަރަށް ދަތީގައި ކަމަށް ވިދާޅުވި އެވެ.

އެއީ ރައްޔިތުން އިންތިޚާބު ކުރާ ދައުލަތުގެ އެންމެ އިސްވެރިޔާއަށް ކުރިމަތިވެގެންވާނެ ޙާލަތެއް ނޫން ކަމުގައި ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެވަޑަައިގަންނަވާ ވަޢުދުތައް ފުއްދެވުމުގައި ހަ މަސް ދުވަސް ބޭކާރުވެގެން ދިއުމަކީ ޤަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެ ނޫންވެސް އެެތައް އުނދަގޫތަކެއް ރިޔާސީ އިންތިޚާބު ބާއްވާތާ އެންމެ ހަ މަސް ފަހުން މަޖިލީސް އިންތިޚާބު ބޭއްވުމުން ކުރިމަތިވާ ކަމުގައި ޖާބިރު ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ ބައިތުލްމާލު ނަހަމަ ބޭނުންގޮތުގައި ކުރުން ކުޑަކުރުމަށްވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން މުހިންމު ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައިވެސް އެކަން އޮންނަ ކަމަށެވެ.

“މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ފައިދާތަކެއް އެބަވޭ. އެއީ ފެންނަން އޮތް ހަޤީޤަތެއް,” ޖާބިރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު