އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ، އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަކަށް ރާއްޖެ ހެދުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހާފިޒުން ދަސްވެނިވުން ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ، ގުރުއާނުގެ އިލްމުގެ ދާއިރާއަށް މިދިޔަ އަހަރު ސަރުކާރުން 19 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށެވެ.
ޝަހީމް ވިދާޅުވީ، މިރޭ، ރާއްޖޭގެ ހާފިޒުންގެ އަަދަދު 301އަށް އަރައިފައިވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރު ތެރޭގައި ހާފިޒުންގެ އަދަދު 500އަށް އެރުވުމަށް މަސައްކަތް ކުރުން ކަމަށެވެ.
“އަޅުގަނޑުމެންގެ މި ވުޒާރާގެ ދުރު ރާސްތާ އަމާޒަކީ އިސްލާމީ ދުނިޔޭގެ އެ ގައުމެއްގެ ރައްޔިތުންގެ އާބާދީގެ ނިސްބަތުން ދިވެހިރާއްޖެއަކީ އެންމެ ހާފިޒުން ގިނަ އިސްލާމީ ގައުމަކަށް ހެދުން، މިއީ އަޅުގަނޑުމެންގެ ގައުމަށް ލިބިގެންދާނެ ވަރަށް ވެސް މަތިވެރި ޝަރަފެއް،” ޝަހީމް ވިދާޅުވިއެވެ.
މީގެ ކުރިން ހާފިޒުންނަށް ދެމުން އައި 2،000 ރުފިޔާގެ އެލަވަންސް، ރައީސް މުއިއްޒު ވަނީ 4،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހެދުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އެގޮތުން މި އަހަރު އެކަނިވެސް 50 ގޮފި ހަދަން ނިންމައިފައިވާ ކަމަށް ވިދާޅުވިއެވެ.
“އެހެންވީމަ މި ކުރެވެމުންދާ މަސައްކަތަކީ އިސްލާމީ ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ މިހާތަނަށް ދެކެފައިވާ އެންމެ އުފާވެރި ދުވަސްތަކޭ އަޅުގަނޑު ދަންނަވާނީ، މި ކަންކަން ދެމެހެއްޓުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ،” ޝަހީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު