މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިން ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންނަށް ހާލު ބަލައި ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދެމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ފުރަން އޮތް 8 ފްލައިޓެއް ވަނީ ކެންސަލްވެފައެވެ. 1400 އެއްހައި ފަތުރުވެރިން އެއާޕޯޓުގައި ވަނީ ނުފުރި ތާށިވެފައެވެ. މިނިސްޓަރު ވިދާޅުވީ، ފްލައިޓްތައް ކެންސަލްވާން ފެށި ހިސާބުން ފަތުރުވެރިންނަށް އެމީހުން އަނބުރާ ރިސޯޓަށް ނުވަތަ ގެސްޓްހައުސްއަށް ދެވޭނެ ގޮތް ހަމަޖައްސައިދިން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ފަތުރުވެރިން ބޭނުންވީ ޓިކެޓް ބަދަލު ކޮށްގެން އެހެން ފްލައިޓެއްގައި ދިއުމަށް ކަމަށާއި އެކަން ވެސް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.
މީގެއިތުރުން ނުފުރި ވެސް އެއާޕޯޓްގައި 1400 ވަރަކަށް ފަތުރުވެރިން އެބަތިއްބެވެ.
“ޓާމިނަލް ތެރޭގައި ފުދޭވަރަކަށް ކޮންފަޓަބަލްކޮށް ފަތުރުވެރިން މިތިބީ. އަދި އޭގެ އިތުރަށް އެމްއޭސީއެލްއިން މިހާރު އެބަ ޕްރޮވައިޑްކޮށްދެއްވާ ކޮންމެވެސް ވަރަކަށް ނިދާލެވޭނެ ގޮތައް ފްލޯގައި ބްލެންކެޓާއި އެއްޗެހި ދީފައި އެބަ ހަމަޖައްސާދެއްވާ. ސަރުކާރުންނާއި އަދި އިންޑަސްޓްރީން އަދި އެމްއޭސީއެލްއިންވެސް މި މަސައްކަތް ކުރަނީ ނުފުރިފައި ތިބި ފަތުރުވެރިންނަށް ފަސޭހަކަމާއިއެކު މިރޭ ހޭދަކޮށް އަދި ކުރިއަށްއޮތް ތަނުގައިވެސް އެބޭފުޅުންނަށް ފުރެންދެން އަޅުގަނޑުމެންނަށް އެސިސްޓްކޮށްދެވޭނީ ކޮންގޮތަކަށްތޯ ބަލައި އެކަންތައްތައް ކޮށްދިނުން. އާއިލާތަކަށް އިތުރު ފަސޭހަތަކެއް ހަމަޖައްސައިދިނުމަށް އެބަ ބަލަން. ކުރީގެ އައިލެންޑް އޭވިއޭޝަންގެ ލައުންޗް ހުޅުވައިގެން އެތަން ސާފުކޮށްފައި އެތަންވެސް އާއިލާތަކަށް ތިބެވޭގޮތައް ހަދަން.” މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު