ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންގެ މާލޭ ކެމްޕެއިން އޮފީސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިރޭ ހުޅުވައިދެއްވައިފިއެވެ.
މިރޭ މާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މެޑަމް ސާޖިދާގެ އިތުރުން ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށާއި ކައުންސިލުގެ މެންބަރުކަމަށް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން އަންނަނީ މާލެއާއި އެހެނިހެން ސިޓީތަކުގެ އިތުރުން ރަށްރަށުގައިވެސް ފޯރީގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެކި ދާއިރާތަކުގައި ޕާޓީގެ ޖަގަހަތައް ގާއިމުކޮށް، ސިޔާސީ ހަރަކާތްތައް ވަނީ ވަރުގަދަކޮށްފައެވެ.
މާލޭ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް އަންނަނީ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެމަނިކުފާނު ގެންދަވަނީ ދޮރުން ދޮރަށް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ހާލަތު ގާތުން ބައްލަވައި އޮޅުންފިލުއްވަމުންނެވެ.
ލޯކަލް ކައުންސިލު އިންތިޚާބުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު ޕާޓީއަކީ ކޮންގްރެސް ޕާޓީއެވެ. މި އަހަރުގެ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ކައުންސިލުތަކަށާއި އަންހެނުންގެ ކޮމިޓީތަކަށް 1،300 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު