ކުއްލި ޚަބަރު

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

އެމެރިކާގެ ފުރިހަމަ ތާއީދު ޕާކިސްތާނަށް: ޕާކިސްތާނުން ކަންތައް ކުރަނީ ވަރަށް ރަނގަޅަށް – ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވައިޓްހައުސްގެ ގޯތިތެރޭގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެނީ:

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސަރަހައްދީ އިން ހުރަސްކޮށް ބަދަލު ކުރަމުންދާ ހަމަލާތަކުގެ ތެރެއަށް އެމެރިކާ ނުވަންނާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވައިޓް ހައުސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޓްރަމްޕް ބުނީ، ޕާކިސްތާނުން ކަންތައް ކުރަމުން ގެންދަނީ ވަރަށް ރަނގަޅަށް ކަމަށާއި، އެމެރިކާއިން ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށެވެ.

މައްސަލައިގެ ތެރެއަށް އެމެރިކާ ވަދެދާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ބުނީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފަށާއި، ސިފައިންގެ ވެރިޔާ އާސިފް މުނީރަކީ އެނާ ވަރަށް އިހްތިރާމް ކުރާ ދެބޭފުޅުން ކަމަށާއި، އެއީ  ވަރަށް ގާބިލް ދެބޭފުޅުން ކަމަށެވެ.

މިހާރު ހިނގަމުންދާ ކުރިމަތިލުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް މިމޭރުމުން ވާހަކަ ދެއްކިއިރު، އެމެރިކާގެ ސަރުކާރުގެ އެކިއެކި އޮފިޝަލުންވެސް ގެންދަނީ ޕާކިސްތާނަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

އެމެރިކާ ސަރުކާރުގެ އަންޑަރސެކްރެޓަރީ ފޮރ ސްޓޭޓް ފޮރ ޕޮލިޓިކަލް އެފެއަރޒް އެލިސަން ހޫކަރ އެކްސްގައި ޕޯސްޓްކުރި މެސެޖެއްގައި، ތާލިބާނުންގެ ހަމަލާތަކުގައި މަރުވި ޕާކިސްތާނު މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައި ވެއެވެ.

އަދި ޕާކިސްތާނުގެ ދިފާއުގައި ތާލިބާނުންނަށް ހަމަލާ ދިނުމުގެ ފުރިހަމަ ހައްގު ޕާކިސްތާނަށް ލިބިގެންވާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެމެރިކާއިން މަސްރަހް ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސަރަހައްދީ އިން ހުރަސްކޮށް އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާތައް ދިނުމަށްފަހު ޕާކިސްތާނު ސިފައިން މިހާރު ގެންދަނީ އަފްޣާނިސްތާނު ތެރޭގައިވެސް އަސްކަރީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ތަރުޖަމާނު މުޝައްރަފް ޒައިދީ ވިދާޅުވީ، ޕާކިސްތާނު ސިފައިން ހަމަލާދީ ތާލިބާން ސިފައިންގެ 297 މީހުން މިހާތަނަށް މަރާލެވިފައިވާ ކަމަށެވެ. އަދި  ހަމަލާތަކުގައި 450 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ވައިގެމަގުން މިހާތަނަށް އަފްޣާނިސްތާނުގެ 29 ތަނަކަށް ހަމަލާތައްދީ އަފްޣާނިސްތާނު ތެރޭގައި ހަދާފައިވާ ތާލިބާނުންގެ 89 ޕޯސްޓާއި، 135 ޓޭންކް ހަލާކުކޮށްލެވި އަދި ތާލިބާން ސިފައިންގެ 18 މީހުން ހައްޔަރު ކުރެވިފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ތާލިބާނުންގެ ހަމަލާތަކުގައި މަރުވީ ޕާކިސްތާނު ސިފައިންގެ ދެމީހުން ކަމަށް ޕާޚިސްތާނު ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވި ނަމަވެސް، ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ، ޕާކިސްތާނު ސިފައިންގެ 55 މީހުން މަރުވެފައިވާ ކަމަށެވެ.

ޒަބީހުﷲ ވިދާޅުވީ، ޕާކިސްތާން ސިފައިންގެ ހަމަލާތަކުގައި މަރުވީ ތާލިބާން ސިފައިންގެ 8 މީހުން ކަމަށެވެ.

ދެފަރާތުން މަރުވި ކަމަށް ހާމަކުރާ އަދަދުތަކުގައި ބޮޑެތި ޚިލާފްތައް އެބަހުއްޓެވެ.

ސަރަހައްދީ އިން ހުރަސްކޮށް ބަދަލުކުރަން ފެށި ހަމަލާތައް މިހާރު ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ކުރެވޭ “އޯޕަން” ހަނގުރާމައަކަށް ބަދަލުވެފައިވާ ކަމަށް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވެފައި ވެއެވެ.

ބޮޑުވަޒީރުގެ ތަރުޖަމާނު މުޝައްރަފް ޒައިދީ ވިދާޅުވީ، ދޯހާ އެއްބަސްވުމުގައި ހިމެނޭ ކަންކަމާއި، ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހްތިރާމް ކުރުމާއެކު، އިންސާނިއްޔަ ވަންތަކަމުގެ ވެރިކަމެއްކޮށް، އަދި އަފްޣާނިސްތާނުން ޕާކިސްތާނުގެ ތެރެއަށް ވަންނަ ޓެރަރިސްޓް ގްރޫޕްކަށް ތާއީދުކުރުން މުޅީން ހުއްޓާލައި ތާލިބާން ސަރުކަރުން ޒިންމާ އުފުލުމުން ކުރިމަތިލުންތައް ހުއްޓޭނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަނގުރާމައިގެ މައްސަލާގައި ބާއްވާ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން ފަށައިފި

ޕާކިސްތާނުން އަފްގާނިސްތާނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފި

ޓްރަމްޕް ބޭނުންވެގެން އުޅެނީ އީރާނު އަމާންދޭން، ޑީލެއް ހަދާކަށްނޫން: ތަޖުރިބާކާރުން

ވާހަކަތައް ފަށައިފި، އީރާނާ އިތުރަށް ވާހަކަ ދައްކާނެތޯ ނުވަތަ ހަމަލާދޭނީތޯ ޓްރަމްޕް މިއަދު ގޮތެއް ނިންމާނެ

TTH_advertisement