މާލެ އަތޮޅު ގިރާވަރުފަޅުން މިހާތަނަށް 15 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ބުނެފިއެވެ.
ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މްއޭސީއެލުން މިދިޔަމަހު ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ. އެހެންކަމުން އެމްއޭސީއެލުން ހިއްކި 15 ހެކްޓަރުގެބިމަކީ ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ %15.44 އެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. މިއާއެކު އެ މަސައްކަތް 2 ޑްރެޖަރު ބޭނުންކޮށްގެން އަންނަނީ ކުރަމުންނެވެ.
ގިރާވަރުފަޅު ހިއްކަމުންދާ 2 ޑްރެޖަރުގެތެރޭގައި ހިމެނެނީ ކުއީން އޮފް ދި ނެދަލޭންޑްސްއާއި އޮރެންޖީއެވެ. ކުއީން އޮފް ދި ނެދަލޭންޑްސްއަކީ އެއްފަހަރާ 35،500 ކިޔުބިން މީޓަރުގެ ބިން ހިއްކޭ އަދި އޮރެންޖީއަކީ އެއްފަހަރާ 22،000 ކިޔުބިން މީޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ހުންނަ ޑްރެޖަރެއްކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަށް އިތުރު 113 ހެކްޓަރު އިތުރު ކުރުމަށް ނިންމައި، ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ މިސަރުކާރުންނެވެ. ނިމުނު ސަރުކާރުގައި ގިރާވަރުފަޅު ނުހިއްކާ މޫދުން ވަނީ ގިނަ ގޯތިތަކެއް ދޫކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު