ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ފުޓުބޯޅަ މުބާރާތް ޕްރެޒިޑެންޓްސް ކަޕުގެ ތަށި، ފުރަތަމަ ސީޒަނުގައި އުފުލާލައި އޮޑި ސްޕޯޓްސް ކުލަބުން ދިވެހި ފުޓުބޯޅައިގެ ތާރީޚުން ޖާގަ ހޯދައިފިއެވެ.
މިއީ ފުޓުބޯޅައިގެ ތާރީޚުގައި ޓީމަކުން، ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ ސީޒަނުގައި އަދި ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރި ފުރަތަމަ ފަހަރަށް، މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
80 އަހަރުގެ ދިގު ތާރީޚެއް އޮތް މި މުބާރާތުގެ މިއަހަރުގެ އެޑިޝަންގެ ޗެމްޕިއަންކަން އޮޑިން ހޯދީ، ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްގެންނެވެ. މި މެޗު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.
މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗު ފަށައިގެން ތިންވަނަ މިނެޓުގެ ތެރޭގައި މާޒިޔާއިން ވަނީ ލަނޑެއް ޖަހައި ލީޑުނަގާފައެވެ. ހުސެއިން ސިފާއު، މާޒިޔާގެ ހާފު ތެރޭގައި ހުރެފައި މަތިމަތިން ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ އޭރިއާ ތެރެއަށް ވަދެ، ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ޙަސަން (ދާދު) އެވެ.
އޭގެ 10 މިނެޓުފަހުން އޮޑިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ޓީމެއްގެ ގޮތުގައި ކުޅެ ތަނަވަސްކުރި ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކިއާނޫއެވެ.
ފުރަތަމަ ހާފުގައި ފެނިގެންދިޔަ މި ލަނޑުގެ އިތުރުން އެހެން ލަނޑެއް ދެ ޓީމުންކުރެ ޓީމަކަށް ކާމިޔާބުކުރެވިފައި ނުވާއިރު، ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީގައި އޮޑިން މާޒިޔާ ބަލިކޮށް މި ތާރީޚީ ކާމިޔާބީ ހޯދީ 4-5 އިންނެވެ.
މާޒިޔާއިން ޕެނަލްޓީ ކާމިޔާބުކުރީ ހަމްޒާ މުޙައްމަދު، ނާޒިމް މަމަދާނީ، މުޙައްމަދު އިލާން އިމްރާން އަދި ރެގަން އޮބެންގެވެ. ޕެނަލްޓީ ނާކާމިޔާބުވީ އިބްރާޙީމް އައިސަމްއާއި އަޙްމަދު އައިހަމްގެ އިތުރުން ޙުސެއިން ސިފާއު ޔޫސުފަށެވެ.
އޮޑީގެ ޕެނަލްޓީތައް ކާމިޔާބުކުރީ ބިދޭސީ މިޑްފީލްޑަރު ބާނަބާސްއާއި ކިއާނޫގެ އިތުރުން އިސްލާމް ފެކްރީއާއި ގާނިއު އަޓަންޑާ އަދި އަޙްމަދު އައިހަމް އެވެ. ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ މުޙައްމަދު ރަޝީދަށާއި އިބްރާޙީމް ވަހީދު ޙަސަން އަށެވެ.
މި ސީޒަނުގައި ފުރަތަމަ ފަހަރަށް މާޒިޔާ ބަލިކުރި ޓީމުގެ ޝަރަފުވެސް ހޯދައި މާޒިޔާއިން ފުރަތަމަ ޑިވިޝަނުގެ ފުރަތަމަ ތަށި އުފުލާލިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އުއްމީދީ ޒުވާން ތަރި، އަޙްޒަމް ރަޝީދެވެ.
ކިޔުންތެރިންގެ ހިޔާލު