އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އިމްޕޯޓް ޑިއުޓީ އާއި ރޯޔަލްޓީ އާއި ރެވެނިއު ފީ މާފުކޮށްދެވޭނެ މަސައްކަތްތަކާއި ހާއްސަ ހާލަތްތަކާއި މަޝްރޫއުތަކާއި ވިޔަފާރިތައް ކަނޑައެޅުމުގެ އުސޫލު އާއްމުކޮށްފިއެވެ.
މި އުސޫލުގައިވާގޮތުން، ތިން ހާލަތެއްގައި އިމްޕޯޓް ޑިއުޓީއާއި ރޯޔަލްޓީ އާއި ރެވެނިއު ފީ މާފުކުރެވޭނެއެވެ.
އެއީ:
އިގްތިސާދީ ގޮތުން ރާއްޖެއަށް ބޭނުންތެރި މަސައްކަތް ފެއްޓުމަށާއި މަސައްކަތް ކުރުމަށާއި އެ މަސައްކަތް ހިންގުމަށް އިމްޕޯޓްކުރާ ތަކެތި.
ހާއްސަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ނުވަތަ ރާއްޖޭގެ ވަކި ރަށެއްގެ ނުވަތަ ސަރަހައްދެއްގެ ރައްޔިތުންގެ އާންމު ފައިދާއަށް އިމްޕޯޓްކުރާ ތަކެތި.
އިގްތިސާދީގޮތުން ރާއްޖެއަށް ބޭނުންތެރި ސްޓްރެޓީޖިކް މަޝްރޫއެއް، ނުވަތަ ވިޔަފާރިއެއް ހިންގުމުގެ ގޮތުން ރާއްޖެއަށް އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓްކުރާ ނުވަތަ ރީއެކްސްޕޯޓްކުރާ ތަކެތި.
އެގޮތުން 12 މަސައްކަތެއް ކަނޑައަޅައި އެ މަސައްކަތްތަކަށް ރާއްޖެ އެތެރެކުރާ ތަކެއްޗަށް އެލުއިތައް އެވޭނެ ކަމަށް ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ:
މާވަޑާމުގެ ގޮތުގައި އޮޑިދޯނިފަހަރު ބަނުމަށާއި އޮޑިދޯނިފަހަރުގެ އާބާތުރަފިލުވުމަށް ގެންނަ ތަކެތި.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދަނޑުވެރިކަމަށް ގެންނަ ތަކެތި.
އިމްޕޯޓް މަދުކޮށް، އެކްސްޕޯޓް އިތުރުވާނެ ކަމަށް ބެލެވޭ ވިޔަފާރި އާއި މަސައްކަތްތައް.
އާމްދަނީ ހޯދަން މަސްވެރިކަން ކުރުމަށާއި މަސްވެރިކަން ތަރައްގީކުރަން ގެންނަ ތަކެތި.
ރާއްޖޭގެ އިގުތިސޯދީ މައިގަނޑު މަސައްކަތްތައް ފުޅާކޮށް، ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ރައްޔިތުންގެ އާންމު ދިރިއުޅުން ފަހިކޮށްދޭ ވިޔަފާރި އާއި މަސައްކަތްތައް.
ރާއްޖެއަށް ބޭރުފައިސާ އިތުރުކޮށްދޭ ވިޔަފާރި އާއި އިގުތިސޯދީ މަސައްކަތްތައް.
ރާއްޖޭގައި އާންމުކޮށް ނުކުރާ އިގުތިސޯދީ މަސައްކަތްތަކާއި އިގުތިސޯދު ޑައިވާސިފައި ކުރުމަށް ހިންގޭ މަސައްކަތް.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދޭ މަސައްކަތްތަކާއި އެފަދަ ވިޔަފާރި ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓެއްގެ ދަށުން ނުވަތަ ސަރުކާރުން ފޯރުކޮށްދޭ ލޯނެއް ނުވަތަ ގްރާންޓެއްގެ ދަށުން ހިންގާ މަސައްކަތްތައް.
ފަތުރުވެރިކަމުގެ ސިނާއަތުގައި އަލަށް ފައްޓާ މަސައްކަތްތަކާއި މި ސިނާއަތުގައި ހުރި އިންވެސްޓްމަންޓްތަކުގެ ތެރެއިން، އިންވެސްޓްމަންޓުގެ އޮރިޖިނަލް އަގުގެ 25 ޕަސެންޓަށް ވުރެ ބޮޑު ހަރަދެއް ހިނގާ ކެޕިޓަލް އެކްސްޕެންޑިޗާ އާއި މަރާމާތުގެ މަސައްކަތްތައް.
ބަންކަރިންގެ ބޭނުމަށް ރާއްޖޭގައި ލައިސަންސް ދެވިފައިވާ ދިވެހި ވިޔަފާރިތަކުން އިމްޕޯޓްކޮށް ރީއެކްސްޕޯޓް ކުރާ އަދި ފޮރިން ވެސަލްތަކަށް ބަންކާ ފިއުލްގެ ގޮތުގައި އަޅާ ތެލުގެ ބާވަތްތައް.
ފަތުރުވެރިކަން ކުރިއަރައިފައިނުވާ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ތިލަދުންމަތީ އުތުރުބުރި އާއި ތިލަދުންމަތީ ދެކުނުބުރި އާއި މިލަދުންމަޑުލު އުތުރުބުރި އާއި ކޮޅުމަޑުލާއި ހައްދުންމައްޗާއި އައްޑު އަތޮޅުގައި ރިޒޯޓު ތަރައްގީކުރަން ގެންނަ ތަކެތި.
ހަލާލު ޓޫރިޒަމަށް އިންވެސްޓްކުރާ ފަރާތަކުން ރިޒޯޓް ތަރައްގީކުރުމަށް ގެންނަ ތަކެތި.
މީގެ އިތުރުން މި މަސައްކަތްތަކަށް އެތެރެކުރާ ތަކެތީގެ ތެރެއިން، ޑިއުޓީ އާއި ރެވެނިއު ފީ މާފުކޮށްދެވޭނެ ބާވަތްތަކަކީ، ކެޕިޓަލް އިކުއިޕްމަންޓާއި ސްޕެއާޕާޓާއި މެޓީރިއަލް އަދި އެހެނިހެން ސަޕްލައި ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އިންޕޯޓް ޑިއުޓީ އާއި ރޮޔަލްޓީ އާއި ރެވެނިއު ފީ މާފު ކުރެވޭނެ މިން ވަރާއި ހާއްސަ ހާލަތް ތަކުގައި ގެންނަ ތަކެތީގެ ޑިއުޓީ އާއި ރޮޔަލްޓީ އާއި ރެވެނިއު ފީ މާފު ކުރެވޭނެ ގޮތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު