ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސަކަށް ޖާގަ ނުދީ، މަގު ބްލޮކުކޮށްގެން މުދާ ބާލަން މަޑުކުރި ޕިކަޕް ދުއްވި ޑްރައިވަރު ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓައިފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގެ މަގެއްގައި އެމްބިއުލާންސަކަށް ނުދެވި މަޑުކުރަން ޖެހުނު ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ފުލުހުން ބުނީ އެ ޕިކަޕް ދުއްވި ޑްރައިވަރު 750ރ. އިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.
ވީޑިއޯއާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީންވެސް މައްސަލަ ބަލަމުންދާ ކަމަށް މިއަދު ވަނީ ބުނެފައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަ ޕިކަޕަކުން މަގުމައްޗަށް މުދާ ބޭލީ، ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސް ޕިކަޕްގެ ސަބަބުން އެ މަގުން ކުރިއަށް ނުދިވެފައި އޮއްވައެވެ. އެމްބިއުލާންސް ސައިރަންގައި އައުމާ ގުޅިގެން އެސަރަހައްދުގައި ތިބި އެހެން ވެހިކަލްތައް ވެސް ވަނީ ބަރުގޮނު އަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު